ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް "ކްލަބް މޯލްޑިވްސް ކަޕް" ގައި އިއްޔެ ކުޅުނު މުބާރާތުގެ ފުރަތަމަ ދެމެޗް ވެމްކޯ އާއި އާރުއާރުސީ ކާމިޔާބުކޮށް ރަނގަޅު ފެށުމަކުން މުބާރާތް ފަށައިފިއެވެ.

ހުޅުމާލޭ ރެހެންދި ދަނޑުގައި ކުރިއަށްދާ މިމުބާރާތުގައި ވެމްކޯ މޮޅުވީ އެމްޓީސީއާ ވާދަކޮށް 2-7 އިންނެވެ. މިގްރޫޕުގައި ރޭ ކުޅުނު މެޗް މިފްކޯއާ ވާދަކޮށް ފެން ކްލަބުން ކާމިޔާބު ކުރީ 2-0 އިންނެވެ.

އެންމެފަހުގެ ޗެމްޕިއަން އާރުއާރުސީ މޮޅުވީ މާލެސިޓީ ކައުންސިލާ ވާދަކޮށް 4-1 އިންނެވެ. މިގްރޫޕުގައި ރޭ ކުޅުނު މެޗް މީޑިޔާ ނެޓާ ވާދަކޮށް މޯލްޑިވިއަން ކާމިޔާބު ކުރީ 4-0 އިންނެވެ.

ކްލަބް މޯލްޑިވްސް ކަޕުގެ އަންހެން ބައިގެ ފުރަތަމަ މެޗްވެސް ރޭ ވަނީ ކުޅެފައެވެ. ފުރަތަމަ މެޗުގައި ބައްދަލު ކުރީ އެންމެފަހުގެ ޗެމްޕިއަން އެމްޕީއެލް އާއި ވެމްކޯއެވެ. ގިނަބަޔަކު ސިއްސުވާލުމަށްފަހު 4-0 އިން މިމެޗް ކާމިޔާބު ކުރީ ވެމްކޯއެވެ.

ކްލަބް މޯލްޑިވްސް ކަޕަކީ ސަރުކާރު އޮފީސްތަކަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އަމާޒުކޮށް އަމިއްލަ ފަރާތްތަކުން އިންތިޒާމްކޮށް ބާއްވަމުން އަންނަ މުބާރާތެކެވެ.