ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކާއި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަންތައް ހާމަ ކުރާ އުސޫލުގެ ދަށުން، 31 ޑިސެމްބަރު 2021 ގެ ނިޔަލަށް ހިނގާފައިވާ ޓެކްސް ނެގޭ މުއްދަތުތަކަށް ނިސްބަތްވާ ޖީ.އެސް.ޓީ، ގްރީން ޓެކްސް އަދި ވިތުހޯލްޑިންގ ޓެކްސް ބަޔާން ހުށަނާޅައިވާ ފަރާތްތަކާއި ފައިސާ ނުދައްކައިވާ ފަރާތްތަކުގެ ނަން މީރާއިން މިއަދު ހާމަކޮށްފިއެވެ.

މީރާއިން ޝާޢިއުކޮށްފައިވާ ލިސްޓުގައި ޖުމްލަ 396 ފަރާތެއްގެ ނަން ހާމަކޮށްފައިވާނޭކަމަށް އެ އޮތޯރިޓީން މައުލޫމާތު ދެއްވާފައިވެއެވެ.

ޓެކްސް ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ލިސްޓުގައި ހިމަނާފައިވާ ފަރާތްތަކުގެގެ ތެރެއިން ބަޔާން ހުށަހަޅައި ފައިސާ ދައްކާ ފަރާތްތައް މި ލިސްޓުން އުނިކުރެވޭނޭ ކަމަށް ވެސް މީރާއިން ވިދާޅުވެފައިވެއެވެ. މީގެ އިތުރުން، މި މުއްދަތުގައި ޓެކްސް ދައްކާ ފަރާތްތަކުން ދައްކަން ޖެހޭ ޓެކުހުގެ އަދަދު އެއްފަހަރާ ދައްކާ ޚަލާސްކުރުމަށް އުޒުރުވެރިވާނަމަ، އިންސްޓޯލްމަންޓް ޕްލޭން ގެ ދަށުން މި އަދަދު ބައި ބަޔަށް ބަހައިލައިގެން ދެއްކޭގޮތަށް ހަމަޖެއްސޭނެ ކަމަށް ވެސް މިރާއިން ވިދާޅުވެފައިވެއެވެ.

ދައުލަތަށް ދައްކަންޖެހި ނުދައްކައިވާ ޓެކުހާއި އެހެނިހެން ފައިސާ ހޯދުމުގެ ގޮތުން މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން އެޅުމަށް ކަނޑައަޅައިފައިވާ އިތުރު ފިޔަވަޅުތައް މިހާރު އަޅަން ފަށައިފައިވާކަމަށް މީރާއިން ނެރެފައިވާ އިޢުލާނެއްގައި ހާމަކޮށްފައިވެއެވެ.

މިހާތަނަށް ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކުން އެ ބަޔާންތައް ހުށަހެޅުމަށާއި ޓެކްސް ނުދައްކައިވާ ފަރާތްތަކުން ލަސް ނުކުރައްވައި ޓެކްސް ދެއްކެވުމަށް، ނުވަތަ، މީރާއާއެކު ޓެކްސް ދެއްކުމުގެ އެއްބަސްވުމަކަށް އައުމަށް މީރާއިން ވަނީ އިލްތިމާސްކުރައްވައިފައެވެ.