ފަހަކަށް އައިސް ޔޫކޭގައި ޒަޔަނިސްޓުން ވާގިވެރިވާ ކަނާތުފިޔައިގެ ހަމަނުޖެހުންތަކުގެ ސަބަބުން އިނގިރޭސި މުސްލިމުންގެ ތިންބައިކުޅަ އެއްބައި މީހުން ސާވޭއެއްގައި ބުނަނީ އެމީހުން ގައުމު ދޫކޮށ ދިއުމަށް ވިސްނަން ޖެހޭ ހިސާބަށް ގޮސްފި ކަމަށެވެ.

މުސްލިމުންނަށް އަމާޒުކޮށްގެން ހިންގާ ނަފްރަތުގެ ޖަރީމާތައް ޓްރެކްކުރާ އެންޖީއޯއެއް ކަމަށްވާ ޓެލް މާމާގެ ފަރާތުން ސާވޭޝަނުން ކުރި ސާވޭއިން ހާމަވެފައިވަނީ މި ހޫނު މޫސުމުގައި އިނގިރޭސިވިލާތުގައި ހިނގި އަނިޔާވެރި ހަމަނުޖެހުންތަކާ ގުޅިގެން އިނގިރޭސި މުސްލިމް ޖަމާއަތްތަކުގެ ތެރޭގައި ކަންބޮޑުވުންތައް އިތުރުވަމުންދާ ކަމަށެވެ.

އޮންލައިންކޮށް ނުވަތަ ފޯނުން އިންޓަވިއު ކުރި ކޮންމެ ހަތަރު މުސްލިމެއްގެ ތެރެއިން އެކަކު ރިޕޯޓްކޮށްފައިވާ ގޮތުގައި ސައުތުޕޯޓްގައި ވަޅިން ހަމަލާދިން ދުވަހުގެ ފަހު ދުވަހު ޖުލައި 30 ގެ ފަހުން މުސްލިމުންނާ ދެކޮޅު ނަފްރަތު ނުވަތަ އިސްލާމޯފޯބިއާގެ އަމަލުތައް ތަޖުރިބާ ކުރަންޖެހުނު ކަމަށެވެ.

މިދިޔަ އަހަރު ތެރޭގައި ފުލުހުން ރެކޯޑްކުރި ދީނީ ނަފްރަތުގެ ހުރިހާ ޖަރީމާތަކުގެ %38 އަކީ މުސްލިމުންނާ ދެކޮޅަށް ހިންގާ ޖަރީމާތަކެއް ކަމަށް ތިންކް ޓެންކް ރަނީމީޑް އިން ޝާއިއުކުރި އާ ރިޕޯޓެއްގައި ބުނފިއެވެ. އޭގެ އިތުރުން މުސްލިމުންނާ ދެކޮޅަށް އިސްލާމޯފޯބިކް ވާހަކަތައް ދެއްކުންވެސް އިތުރުވެފައިވާ ކަމަށް ދައްކައެވެ.

މުސްލިމުންނާ ދެކޮޅަށް ހިންގާ ނަފްރަތުގެ ޖަރީމާތަކާއި މުސްލިމުންނަކީ އިނގިރޭސި މުޖުތަމަޢަށް ނުރައްކަލެއްގެ ގޮތުގައި ސިފަކޮށްދޭ ފާޅުކަން ބޮޑު ބަސްމަގު ވަރަށް ބޮޑަށް އިތުރުވެފައިވާކަން ވެސް ހާމަވެއެވެ.

"މިހާރު ސިޔާސީ މީހުން މުސްލިމުންނާ ބެހޭ ގޮތުން ވާހަކަ ދައްކަނީ އަނިޔާވެރި ގޮތަކަށް، ބައިބައިވާ ގޮތަށް،" ރަނީމީޑް ޓްރަސްޓްގެ ޗީފް އެގްޒެކެޓިވް ޝަބާނާ ބެގަމް ވިދާޅުވި އެވެ.