ސޮސެޖަކީ ސިއްޙަތަށް ގެއްލުން ހުރި އެއްޗެއްކަން ދިރާސާތަކުން ހާމަވެފައި ވެއެވެ. އަދި ދިވެހި ޑޮކްޓަރުން ވެސް ބުނަމުންދަނީ ސޮސެޖަކީ ސިއްޙަތަށް ގެއްލުން ހުރިއެއްޗެއްކަމަށެވެ. ހިތުގެ ބަލިތަކާއި ކޮލެސްޓްރޯލް އިތުރުވާ އެއްޗެއްކަމަށެވެ. ކެންސަރަށް މަގުފަހިވާ ބާވަތެއް ކަމަށެވެ. ނަމަވެސް ދިވެހީންގެ ކެއުންތަކުން އަދިވެސް ސޮސެޖް ދުރުކުރާތަނެއް ނުފެނެއެވެ.

ބާބަކިއުއެއް ހަދާނަމަ، ސޮސެޖް ނެތިއްޔާ އެ ބާބަކިއު ފުރިހަމަވާކަމަކަށް ނުވެއެވެ. ހެނދުނުގެ ސައިގައި ސޮސެޖް ހުންނަންޖެހެއެވެ. ކުދިންގެ އިންޓަވަލް އަށް ހަދާ ބާގާ ގައިވެސް ސޮސެޖެވެ. ކެންޓީތަކާއި ކެފޭ، ރެސްޓޯރެންތުތަކުންވެސް އެންމެ ގިނައިން ވިކެނީ ސޮސެޖް ޕިއްޒާއާއި ހޮޓްޑޯގްސް އާއި ސޮސެޖް ރޯލެވެ.

ކުޑަކުދިންނަށް ވިސްނައިދޭންތިބީ ބޮޑެތިމީހުންނެވެ. ސޮސެޖަކީ ހަށިގަނޑަށް ގެއްލުން ލިބޭ އެއްޗެއްކަން ބުނެދިނުން އެއީ ބޮޑެތިމީހުންގެ ޒިންމާއެކެވެ. ޑޮކްޓަރުން އެ ކެއުން ރަނގަޅުނޫންކަމަށް ބުނާއއިރު އެނގިތިބެ ތިމާމެންގެ ދަރީންނަށް ޒަހަރު ކާންދޭން އެދެނީހެއްޔެވެ؟

ހަށިގަނޑަށް ގެއްލުން ލިބޭ ހުރީހާ ބާވަތަކީ އެ ކާލާއިރަށް ވަގުތުން އޭގެ އަސަރު ފެންނަ ބާވަތްތަކެއްނޫނެވެ. ގިނަ ދިރާސާތަކުން ބުނާގޮތުގައި ރެޑް މީޓާއި ދަޅުގައި ބަންދުކޮށްފައިހުންނަ މަސް، ސޮސެޖުން ކެންސަރު ޖެހުމަށް މަގުފަހިވެއެވެ. 2015 ވަނައަހަރު އިންޓަރނޭޝަލް އެޖެންސީފޯ ރިސާޗް އޮން ކެންސަރ (އައިއާރްސީ) އިން ހެދި ދިރާސާއަކުން އެނގުނުގޮތުގައި ރެޑްމީޓާއި ސޮސެޖް ފަދަ ތަކެތިން ކެންސަރުޖެމަށް މަގުފަހިވެއެވެ. މިއީ މިފަދަ ފުރަތަމަ ދިރާސާއެއްނޫނެވެ. އެތައް ގިނަ ދިރާސާތަކަކުން މިކަންވަނީ ސާބިތުވެފައެވެ.

ސޮސެޖަކީ ހަށިގަނޑަށް ގެއްލުންލިބޭ ވިހައެއްކަން އެނގޭއިރު ބެލެނިވެރީން ދަރީންނަށް މި ކާންދެނީ ކީއްވެހެއްޔެވެ؟ އެކުދިންނަށް މީރު އެއްޗަކަށްވުމުން ކިތަންމެ ގެއްލުމެއް ލިބުނަސް ކާންދޭންވީހެއްޔެވެ؟ ކުދިންނަށް ވިސްނޭގޮތަށް އޭގެ ގެއްލުން ބުނެދީ ސޮސެޖް ކުދިންގެ ކާނާއިން ދުރު ނުކުރެވޭނެ ހެއްޔެވެ؟ އަޅުގަނޑުމެން އެންމެންގެ ކެއުމުންވެސް ސޮސެޖް ނަގާ އެއްފަރާތް ނުކުރެވޭނެހެއްޔެވެ؟