ޗައިނާގެ ސޯލާ ޕެނަލްތަކުން ޕާކިސްތާންގެ ބާޒާރު ވަނީ ތިޔާގި ވެފައެވެ. އަދި ޕާކިސްތާނުގައި ސޯލާ އެނާޖީ އަށް ބޭނުންވެފައިވާ މީހުންގެ އަދަދުވެސް ދަނީ އިތުރު ވަމުންނެވެ. ސޯލާގެ ނިޒާމުތައް ޕާކިސްތާންގައި މަޤްބޫލުވެފައި ވަނީ، ކަރަންޓުގެ ބޮޑު ޚަރަދުން ސަލާމަތްވުމަށްޓަކައެވެ.

ފެކްޓްރީތަކާއި ގެތަކުގައި ދަނީ ހަލުއި ކަމާއެކު ސޯލާ ނިޒާމުތައް ބަހައްޓަމުންނެވެ.

2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޕާކިސްތާނުން ވަނީ 1.4 ބިލިއަން ޑޮލަރުގެ، ޗައިނާގެ ސޯލާ ޕެނަލްތައް އެތެރެކޮށްފައެވެ. އެގޮތުން ޕާކިސްތާނަކީ މިއަހަރު ސޯލާ ޕެނަލް ތިންވަނައަށް އެންމެ ގިނައިން އެތެރެ ކޮށްފައިވާ ޤައުމެވެ.

ޕާކިސްތާންގައި ސޯލާގެ ނިޒާމުތައް ބޭނުން ކުރާ ފެކްޓްރީތައް ކަމަށްވާ ކޮކާކޯލާ އާއި ހިއުންޑައި ފަދަ ވިޔަފާރިތަކުން ރިޕޯޓްކުރާ ގޮތުގައި ސޯލާ އިން ކަރަންޓް ބިލުން %70 އާއި ހަމައަށް ސަލާމަތް ކުރެވެ އެވެ.

މިހާރު އިރުގެ ހަކަތައިން ބައެއް ފެކްޓްރީތަކުގެ %80 އާހަމައަށް ވެސް ކަރަންޓް އުފައްދައެވެ. އެކަމުގެ ސަބަބުން، ހަކަތަގެ ދަތިކަމަށް ލުޔެއް ލިބިގެން ގޮސްފައި ވެއެވެ. ނަމަވެސް މި ބަދަލަކީ ސަރުކާރަށާއި ކަރަންޓު އުފައްދާ ކުންފުނިތަކަށް އުނދަގޫ އަދި ގައުމީ ކަރަންޓު ގްރިޑަށް ނުރައްކާވާ ބަދަލެކެވެ.

ޕާކިސްތާނަކީ 9 ބިލިއަން ޑޮލަރުގެ ދަރަނީގެ ބުރައެއް އުފުލަމުންދާ ޤައުމެކެވެ. އެހެންވެ، ޕާކިސްތާންގެ ކަރަންޓުގެ ގްރިޑަށް ޑިމާންޑް ދަށްވުމުން، އާމްދަނީ ލިބޭ މިންވަރުވެސް މަދުވާނެއެވެ. އަދި ސޯލާ ބޭނުންކުރާ މީހުން އިތުރުވަމުން ދިއުމުން އެކަން ދަނީ ފެންނަމުންނެވެ.

ނަތީޖާއެއްގެ ގޮތުން ޕާކިސްތާން ސަރުކާރަށް ޓެރިފް ބޮޑުކުރަން މަޖުބޫރުވެ އެވެ. އަދި އާމްދަނީ ދަށް ގޭބިސީތައް ކަރަންޓު ބިލުގެ ސަބަބުން ފަގީރުކަމަށް ވައްޓާލަ އެވެ. ޕަންޖާބާއި ސިންދު ޕްރޮވިންސުން ފަގީރުންނަށް ހިލޭ ސޯލާ ޕެނަލް ދޭނެ ކަމަށް ބުނެއެވެ. ނަމަވެސް މިކަމުގެ ސަބަބުން ކަރަންޓު ގްރިޑްގެ އާމްދަނީގެ ދަތި ހާލަތު އިތުރަށް ގޯސްވުމުގެ ނުރައްކާ އޮތް ކަމަށް ބުނެއެވެ. ޕާކިސްތާނުގައި މައްސަލަ ޖެހޭ ސޯލާ ޕެނަލްތައް ރީސައިކަލް ކުރުމުގެ ނިޒާމުތައް އަދި ގާއިމް ކުރެވިފައި ނެތުމުން ދިގު މުއްދަތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށްޓަށް ލިބޭ ގެއްލުން ކުޑަ ކުރާނެ ގޮތާ މެދު ސުވާލު އުފެދެ އެވެ.