ޖަރުމަނުގެ އެންމެ މުހިންމު ވިޔަފާރީގެ ބައިވެރިޔަކީ ކޮން ގައުމެއް ހެއްޔެވެ؟ ވޭތުވެދިޔަ ހަ އަހަރު އެ ބައިވެރިޔަކީ ޗައިނާއެވެ. ޖަރުމަނުގެ ޔުނިވާސިޓީތަކަށް އެންމެ ގިނައިން ބިދޭސީ ދަރިވަރުން ފޮނުވަނީ ކޮން ގައުމަކުން ހެއްޔެވެ؟ އަނެއްކާވެސް، ޗައިނާ އެވެ.

މިދިޔަ ވިންޓަރ ސެމިސްޓަރުގައި އެކަނިވެސް 43،629 ދަރިވަރުން އައިސްފައިވެއެވެ.

ޖަރުމަނުންގެ ގުޅުން "ކޮމްޕްރިހެންސިވް ސްޓްރެޓެޖިކް ޕާޓްނަޝިޕް" ގެ ފެންވަރަށް މަތިކޮށްފައިވަނީ ކޮން ގައުމަކާ އެކު ހެއްޔެވެ؟ ޗައިނާއާއެކުގައެވެ.

ޖަރުމަނުގެ ފޮރިން މިނިސްޓްރީ ވެބްސައިޓުގައި ޗައިނާއާ އެކު އޮންނަ ގުޅުންތައް ސިފަކޮށްފައި ވަނީ ވަރުގަދަ ގުޅުމެއްގެ ގޮތުގަ އެވެ.

ޗައިނާއަކީ ޖަރުމަންގެ ބައިވެރިއެއް، ވާދަވެރިއެއްވެސް މެއެވެ. އަދި "ނިޒާމީ ވާދަވެރިއެއް" ވެސްމެއެވެ.

މި ހުރިހާ ކަމެއް ތަޞައްވުރު ކުރެވޭނީ 1972 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހު ޖަރުމަނުގެ އޭރުގެ ޚާރިޖީ ވަޒީރު ވޯލްޓަރ ޝީލް އާއި ޗައިނާގެ ޚާރިޖީ ވަޒީރު ޖީ ޕެންގްފޭ ބެއިޖިންގައި ދެފަރާތުގެ ޑިޕްލޮމެޓިކް ގުޅުމުގެ ލިޔެކިޔުންތައް ބަދަލުކުރި ހިސާބުންނެވެ. އެއިރު ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާއަކީ މިއަދު އަޅުގަނޑުމެން ދަންނަ އިޤްތިޞާދީ ސުޕަރޕަވަރެއް ނޫނެވެ. މީގެ ބައިގަރުނު ކުރިން ޗައިނާއަކީ ތަރައްގީވަމުން އައި ފަގީރު ގައުމެކެވެ. ކަލްޗަރަލް ރެވަލޫޝަންގެ އަހަރުތަކުގެ ސަބަބުން ޕެރެލައިޒްވެ، ރއްޔިތުންނާ ގުޅުން ކެނޑިފައިވާ މުސްކުޅި މައޯ ޒެޑޮންގް ވެރިކަން ކުރި ގައުމެކެވެ.

އެއިރުގެ ގައުމުގެ ވެލިއު ސިސްޓަމެއް ބިނާ ކުރުމާއި ޚާރިސީ ސިޔާސަތާ ބެހޭ ވާހަކައެއް ނުދައްކަ އެވެ. އެއީ ފިނި ހަނގުރާމައިގެ ދުވަސްވަރެވެ. ޖަރުމަނާއި ޔޫރަޕް އޮތީ ދެބަޔަކަށް ބެހިފައެވެ. އެމެރިކާއާއި ސޯވިއެޓް ޔޫނިއަންގެ މެދުގައި އެއްބަސްނުވެ ހަތުރުވެރިކަމެއް ފެތުރިފައި އޮތެވެ.

ފަހަރެއްގައި "އަހަރެންގެ ދުޝްމަންގެ ދުޝްމަނަކީ އަހަރެންގެ އެކުވެރިޔާ" މި ވިސްނުމުން އެމެރިކާގެ އޭރުގެ ރައީސް ރިޗާޑް ނިކްސަން 1972 ވަނަ އަހަރުގެ ފެބްރުއަރީ މަހު ބެއިޖިންއަށް ހައިރާން ކުރުވަނިވި ދަތުރެއް ކުރެއްވި އެވެ. އެމެރިކާއާއެކު ޖަރުމަންވިލާތްވެސް އެ ގުޅުމަށް ގެނބިގެން ދިޔައެވެ.

އޭގެ ބައި ގަރުނު ފަހުން ޖަރުމަނާއި ޗައިނާގެ ސިޓީތަކުގެ މެދުގައި 100 އަށް ވުރެ ގިނަ ޕާޓްނަޝިޕްތަކެއް ހެދި ގުޅުން ވަރުގަދަ ކުރެވުނެވެ.

ދެ ގައުމުގެ ގުޅުން ވަރުގަދަވެ ޖަރުމަނާއި ޗައިނާއާ ދެމެދު ދެފަރާތުގެ ގިނަ ވަފުދުތަކުން ޒިޔާރަތްތައް ކުރަމުން ދިޔައެވެ. މިއަދު ޖަރުމަނާއި ޗައިނާގެ ސިޔާސީ ބޭފުޅުންގެ ބައްދަލުވުންތައް ވަނީ މަދު ތަދު ބައްދަލުވުމަކަށް ވެފައެވެ.

އޭގެ ސަބަބުތަކަކީ ޗައިނާއިން ޓައިވާނަށް ދޭ އިންޒާރާއި އެގައުމުގެ އުއިގޫރު މުސްލިމުންނަށް ކުރާ އަނިޔާއާއި ހޮންކޮންގުގައި ޑިމޮކްރެޓިކް ހަރަކާތަށް ގިއްގަޅުވާލުމާއި ދެކުނު ޗައިނާ ކަނޑުގައި ބެއިޖިންގެ އުދުވާނީ ސިޔާސަތެވެ.

ބާލިންގައި ހުންނަ ތިންކް ޓެންކް މާކެޓާ އިންސްޓިޓިއުޓް ފޯ ޗައިނާ ސްޓަޑީޒް (މެރިކްސް) ގެ ބާންހާޑް ބާކް ވިދާޅުވި ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން ހީކުރެވުނީ ގްލޯބަލައިޒްޑް އިގްތިސާދަކާ ލާމެހިގެން ޗައިނާ ސިޔާސީ ގޮތުންނާއި އިގްތިސާދީ ގޮތުން ވެސް ހުޅަނގާއި ގާތްވާނެ ކަމަށެވެ.

"ޗައިނާގެ ގިނަ ބަޔަކު މިގޮތަށް ވެސް ހީކުރި،" ކަމަށް ޗައިނާގެ އެނަލިސްޓް ވިދާޅުވި އެވެ. އެކަމަކު ޝީ ޖިންޕިންގްގެ ވެރިކަމުގައި ފާއިތުވި އަހަރުތަކުގައި މިކަން ވަނީ މުޅިންހެން ބަދަލުވެފަ އެވެ.

"މިހާރު ޗައިނާއިން ބުނަނީ: 'އަޅުގަނޑުމެންގެ އަމިއްލަ ނިޒާމެއް އެބައޮތް. އަދި އަޅުގަނޑުމެން ބޭނުންވަނީ ދުނިޔޭގެ ނިޒާމާއި އުސޫލުތައް ބަދަލުކުރަން." ޗައިނާގެ އެނަލިސްޓް ވިދާޅުވިއެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ގައުމަށް ބޮޑު އަމާޒެއް އެބައޮތެވެ. 2049 ވަނަ އަހަރު ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާއަށް 100 އަހަރު ފުރުމުގެ މުނާސަބަތުގައި ޗައިނާއަކީ ގަވާއިދުތައް ކަނޑައަޅައި ބައްޓަންކުރުމުގެ ގާބިލްކަން ހުރި ތަސައްރަފް ފުދިފައިވާ ޒަމާނީ، ސޯޝަލިސްޓް ބާރަކަށް ވާން ޗައިނާ ބޭނުންވެއެވެ. ދުނިޔޭގެ ނިޒާމުގެ ނާރެސްގައި ތިބުމަށް ބޭނުން ވުމުން ޗައިނާއަށް މިހާތަނަށް ދުނިޔޭގެ ބޮޑު ބާރު ކަމަށްވާ އެމެރިކާއާ ކުރިމަތިލާން ޖެހެ އެވެ.

ބާލިންއަށް ބަލާއިރު، އެގައުމުގެ އެންމެ މުހިންމު އިގްތިސާދީ ބައިވެރިޔާ ޗައިނާއާއި އެގައުމުގެ އެންމެ ބާރުގަދަ އެކުވެރިޔާ އެމެރިކާއާ ދެމެދު ކުޅެމުންދާ ކޯޅުންތަކަކީ ބޮޑު މައްސަލައެކެވެ.

މިހާރު ބާލިން ދަނީ ބެއިޖިން އާއި ދުރުވަމުންކަން ދަނީ ހާމަވަމުންނެވެ. ޖަރުމަނުގެ އިކޮނޮމީ މިނިސްޓަރު އަދި ގްރީން ޕާޓީގެ ވައިސް ޗާންސެލަރު ރޮބަޓް ހަބެކް ވަނީ ޗައިނާއާ ބެހޭ ގޮތުން އައު ވިޔަފާރީގެ ސިޔާސަތެއް އިއުލާން ކުރައްވާފަ އެވެ. ސެޕްޓެމްބަރު މަހު ޖީ7ގެ އިގްތިސާދީ ވަޒީރުންގެ ބައްދަލުވުމެއްގައި ހަބެކް އިއުލާން ކުރެއްވީ ޖަރުމަނުން ކުރިން ޗައިނާއާ މެދު ދެކެމުން އައި ގޮތް މިހާރު ބަދަލު ވެއްޖެ ކަމަށެވެ.

ހަބެކް ވަނީ ޗައިނާގައި ކުރާ އިންވެސްޓްމަންޓްތަކަށް ޖަރުމަން ކުންފުނިތަކަށް ދޭ ގެރެންޓީތަކަށް އިންކާރުކޮށްފައެވެ. ދިހަވަރަކަށް އަހަރު ވަންދެން ޗައިނާގައި ޖަރުމަނުގެ ކުންފުނިތަކުގެ ވިޔަފާރިއަށް މަގުފަހިވެގެން ދިޔައީ އިންވެސްޓްމަންޓްތަކުގެ އިތުރުން ޖަރުމަން ސަރުކާރުން ދިން އެކްސްޕޯޓްގެ ގެރެންޓީތަކުންނެވެ. ޖަރުމަނާއި ޗައިނާގެ ގުޅުން އެނބުރެމުން ދިޔައީ މި ފުޅާވަމުން އަންނަ އިގްތިސާދީ ގުޅުންތަކުގެ މައްޗަށެވެ. ޗައިނާއަށް ކުރާ ދަތުރުތަކުގައި ޖަރުމަނުގެ ސިޔާސީ ލީޑަރުންނާއެކު ގަވާއިދުން ބޮޑެތި ވިޔަފާރި ވަފުދުތަކެއް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ޖަރުމަނުގެ ގާތްގަނޑަކަށް 5،000 ކުންފުނި މިއަދު ޗައިނާގައި ހަރަކާތްތެރިވަމުން އެބަދެއެވެ. އެއީ ގާތްގަނޑަކަށް 90 ބިލިއަން ޔޫރޯ (88 ބިލިއަން ޑޮލަރު) ގެ އިންވެސްޓްމަންޓްތަކެވެ.

މިއަދު ޖަރުމަންގެ މިޒާޖު ވަނީ ބަދަލުވެފައެވެ. ސެޕްޓެމްބަރު މަހުގެ މެދުތެރޭގައި ހުށަހެޅި ކަރުދާހެއްގައި ޗައިނާގައި ހުންނަ ޔޫރަޕިއަން ޗެމްބަރ އޮފް ކޮމާސް އިން ވަނީ މިހާރު ވިޔަފާރި ސިޔާސީ ވެގެންދާ ކަމުގެ ޝަކުވާކޮށްފަ އެވެ.

"އެއް ޒަމާނެއްގައި ޗައިނާއިން ގްލޯބަލައިޒޭޝަން ބައްޓަންކުރިއިރު، މިހާރު ޗައިނާއަކީ އިތުބާރު ކުރެވޭ މިންވަރު ކުޑަ އަދި އެފިޝަންޓް ނޫން ގައުމެއްގެ ގޮތުގައި ބެލވިފައެވެ." އެ ކަރުދާހުގައިވެ އެވެ.

މިހާރު ޗައިނާއާއި ޖަރުމަންގެ މަސްއޫލުވެރުން ކުރިން ދެގައުމު ދޭތެރޭ ދަތުރުކުރަމުން ދިޔަ ގޮތަށް ދަތުރު ކޮށްފައެއް ނުވެއެވެ.

ޖަރުމަނު-ޗައިނާ ޕާލަމެންޓް މެންބަރުންގެ ގްރޫޕްގެ މެންބަރަކު ފާހަގަ ކުރެއްވި ގޮތުގައި ކުރިން މިނިވަންކަމާއެކު ޗައިނާ މަސްއޫލުވެރިން ޖަރުމަން ބައިވެރިންނާ ވާހަކަ ދެއްކި ނަމަވެސް މިހާރު ބައްދަލުވުންތަކުގައި ވާހަކަ ދައްކަނީ ލިޔެފައި ހުންނަ ނޯޓު ތަކުންނެވެ. އެފަރާތުން ސިފަ ކުރިގޮތުގައި ކޮވިޑާއެކު މިނިވަންކަމާއެކު ވާހަކަ ދެއްކުންވެސްވަނީ ގެއްލިގެން ގޮސްފައެވެ.

ޖަރުމަން ވިލާތާއި ޗައިނާގެ ޑިޕްލޮމެޓިކް ގުޅުމަށް މިމަހު 50 އަހަރު ފުރޭއިރު ދެ ފަރާތް ވަނީ އެއް ބަޔަކު އަނެއް ބަޔަކާ ފެއަށް ޖެހި ގުޅުން ވަޅޯ ވެފައެވެ.