ހުސްވި ސެޕްޓެންބަރު މަހު މީރާއަށް 1.41 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް އެތަނުން މައުލޫމާތު ދީފިއެވެ. މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %29.0 ދަށް އަދަދެއް ކަމަށް ވެސް ބުނެފައިވެއެވެ. މި އަދަދަކީ ސެޕްޓެންބަރު 2022 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %11.0 އިތުރު އަދަދެއް ކަމަށް ވެސް މީރާއިން ވަނީ ބުނެފައެވެ.

މީރާއިން މައުލޫމާތު ދީފައިވާ ގޮތުގައި، ސެޕްޓެންބަރު 2021 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު ސެޕްޓެންބަރު 2022 ގައި ލިބިފައިވާ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ އިންކަމް ޓެކްސް އަދި ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި ލިބިފައިވާ އާމްދަނީ ދަށްވުމެވެ. މީގެ ސަބަބަކީ، 2021 ވަނަ އަހަރުގެ އިންކަމް ޓެކްސްގެ ފުރަތަމަ އިންޓަރިމް ބަޔާން ހުށަހަޅައި ފައިސާދެއްކުމުގެ ސުންގަޑި ސެޕްޓެމްބަރ 2021 އަށް ފަސްކޮށްފައިވުމެވެ. 2022 ވަނަ އަހަރުގެ އިންކަމް ޓެކްސްގެ ފުރަތަމަ އިންޓަރިމް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑި އައިސްފައިވަނީ 31 ޖުލައި 2022 ގައެވެ. މީގެ އިތުރުން، ސެޕްޓެންބަރު 2022 ގައި ލިބިފައިވާ އާމްދަނީ ދަށްވުމުގެ އަނެއް ސަބަބަކީ، 2022 ވަނަ އަހަރުގެ 4 ވަނަ ކުއާރޓަރުގެ ޓޫރިޒަމް ލޭންޑް ރެންޓް ދެއްކުމުގެ ސުންގަޑި ރަސްމީ ބަނދު ދުވަހަކަށް ދިމާވުމުގެ ސަބަބުން، އޮކްޓޫބަރު މަހަށް ސުންގަޑި ފަސްވުމުން ކަމުގައި މީރާއިން މައުލޫމާތުދެއެވެ. ސެޕްޓެންބަރު 2022 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ އާމްދަނީ އިތުރުވެފައިވަނީ ނަން-ރެޒިޑެންޓް ވިތުހޯލްޑިންގ ޓެކްސް، ކޯޕޮރޭޓް އިންކަމް ޓެކްސް އަދި ޖީ.އެސް.ޓީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރި އަދަދަށް ވުރެ ލިބިފައިވާ އާމްދަނީ އިތުރުވުމުން ކަމަށް މީރާއިން މައުލޫމާތުދެއެވެ.

ސެޕްޓެންބަރު 2022 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ %45.6 ނުވަތަ 640.93 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓްއިންނެވެ. އެއީ %21.2 ނުވަތަ 297.63 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، އިންކަމް ޓެކްސްގެ ގޮތުގައި 149.30 މިލިއަން ރުފިޔާ (%10.6)، ގްރީން ޓެކްސްގެ ގޮތުގައި 77.69 މިލިއަން ރުފިޔާ (%5.5)، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 66.26 މިލިއަން ރުފިޔާ (%4.7) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 174.84 މިލިއަން ރުފިޔާ (%12.4) ލިބިފައިވެއެވެ.

ސެޕްޓެންބަރު 2022 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 59.12 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.