ފާޅުކަން ބޮޑުކޮށް ފުލުހުން ޤާނޫނާ ޚިލާފް ވާން ފަށައިފި ކަމަށް ރާއްޖޭގެ ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް ކުރެއްވި ޓުވީޓެއްގައި މިހެން ވިދާޅުވެފައިވަނީ މުޒާހަރާއެއްގައި ފުލުހުން މީހުން ހައްޔަރު ކުރާ ފޮޓޯތަކެއް ހިއްސާ ކުރައްވަމުންނެވެ. އޭގައި ޑރ. ޖަމީލް ވިދާޅުވެފައިވަނީ "ޤާނޫނުއަސާސީން ލިބިދޭ އެއްވެއުޅުމުގެ ޙައްޤަކީ މިހާރު ޖިނާއީ ކުށެއް ކަމަށް ދިވެހި ފުލުހުން ދެކެން ފަށައިފި،" ކަމަށެވެ.

އެޗުއާރު ސީއެމުން "ނިދިން ހޭލައި" އަސާސީ ޙައްގުތައް "ޗިސްޗިސް ކުރާއިރު" ފިޔަވަޅެއް އަޅަން ވެއްޖެ ނޫންތޯ ޑރ، ޖަމީލް ވަނީ އެޗުއާރުސީއެމްއާ ސުވާލު ކުރައްވައިފައެވެ.

ޕީއެމްއެމް/ޕީއެންސީން އިއްޔެ ހަވީރު ބޭއްވި މުޒާހަރާގައި 7 އަންހެނަކާއި 3 ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށް ޕީޕީއެމުން ވަނީ ބުނެފައެވެ. އެ މީހުން އަދިވެސް ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.