ކަނޑުމަތީން ހާލުގައި ޖެހިފައިވާ އަވަށްޓެރި ސްރީލަންކާގެ ދެ މަސް ބޯޓަކަށް އެމްއެންޑީ އެފުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެ ދެބޯޓު ހާލުގައި ޖެހުނީ ސްރީލަންކާ ކައިރިން އުފެދިގެން ދަތުރުކުރަމުންދާ ތޫފާން "ބުރެވި"ގެ ސަބަބުން ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

ހާލުގައި ޖެހުނު ސްރީލަންކާގެ ދެ މަސްބޯޓަށް އެހީތެރިވެފައިވަނީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިންނެވެ. ހާލުގައި ޖެހިފައިވާ ދެ ބޯޓު ފެނިފައިވަނީ ހދ. ކުމުންދޫ ބޭރުންނެވެ. ދެ ބޯޓު ފެނިފައިވަނީ އެ ސަރަހައްދުން މަސްވެރިކަން ކުރަމުން ދިޔަ "މޫސުން 7" ނަމަކަށް ކިޔާ ދޯންޏަކަށެވެ. އެ ދެ ބޯޓު ފެނިގެން އެ ދޯނިން އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯރޓްކޮށްފައިވަނީ މިއަދު ހެނދުނު 8:33 ހާއިރު އެވެ. މި ފެނުނު ދެ ބޯޓުގެ ތެރެއިން "ސެނެ ދުއާ" ބޯޓުގައި 5 ފަޅުވެރިން ތިއްބެވެ. އަނެއް ބޯޓު "ޖެ ޕްރަސަންސަ ވެ" ގައި ތިބީ 6 ފަޅުވެރިން ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

އެ ދެ ބޯޓުގެ ހުރިހާ ފަޅުވެރިންގެ ހާލުވެސް ރަނގަޅެވެ. އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑުގެ ބެލުމުގެ ދަށުން މިއަދު ހެނދުނު 10:45 އެހައިކަންހާއިރު އެ ދެ ބޯޓު ވަނީ ހދ. ކުޅުދުއްފުށީ ބަނދަރަށް ގެންގޮސްފައެވެ. އެ ބޯޓުތަކާއި ބެހޭ ކަންކަން ސަރުކާރުގެ ކަމާބެހޭ ގުޅުންހުރި އިދާރީތަކާއި ގުޅިގެން ދަނީ ކުރަމުން ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.