ޔުއެފާ ޗެމްޕިއަންސް ލީގުގައި ޔޫކްރައުނުގެ ޝަކްތާ ޑޮނެސްކް އަތުން ރޭ ބަލިވާން ދަނިކޮށް މެޗް ނިމެން 19 ސިކުންތަށް ވެފައި ވަނިކޮށް ޑިފެންޑަރު ރުޑިގާ ޖެހި ލަނޑުން، އެންމެފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ބަލިނުވެ ސަލާމަތްވެއްޖެއެވެ.

މިމެޗުގައި ރުޑިގާ ޖެހި ލަނޑަކީ ރެއާލް މެޑްރިޑުގެ ތާރިހުގައި ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖް މެޗެއްގައި އެކްލަބުން މެޗް ނިމެން އެންމެ ގާތްވެފައި ވަނިކޮށް ޖެހި ލަނޑެވެ.

ރަޝިޔާގެ ހަމަލާތަކުގެ ސަބަބުން ވީރާނާ ވަމުންދާ ޔޫކްރައިނުގައި މެޗް ކުޅެވެން ނެތުމުން ޕޮލެންޑުގައި ކުޅުނު މިމެޗުގައި ޝަކްތާއިން ލީޑް ނެގީ 46 ވަނަ މިނެޓުގައި އޮލެގްޒެންޑާ ޒުބްކޯވްގެ ލަނޑުންނެވެ. ދެވަނަ ހާފުގައި ލީޑް ފުޅާކުރަންވެސް ޝަކްތާއަށް ރަނުގެ ފުސަތެއް 62 ވަނަ މިނެޓުގައި ލިބުނެވެ. އެކަމަކު ހުސްކޮށް ހުރެ ޓްރޮރޭ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

މިމެޗުން އެއްވަރުވިނަމަވެސް ރެއާލް، މިގްރޫޕް (ގްރޫޕް) އެފްގެ އެއްވަނައިގައި އޮތީ 10 ޕޮއިންޓާއެކުއެވެ. ދެވަނައިގައި 6 ޕޮއިންޓާއެކު އޮތީ ޖަރުމަނުގެ ލައިޕްޒީގެވެ. ޝަކްތާ 3 ވަނައިގައި އޮތީ 6 ޕޮއިންޓާއެކުއެވެ. ލައިޕްޒީގް ރޭ ވަނީ ސްކޮޓްލޭންޑުގެ ސެލްޓިކުގެ މައްޗށް 2-0 އިން ކުރި ހޯދާފައެވެ.