އިންޑިއާއިން ޑިޖިޓަލް ޓެކްނޮލޮޖީގެ ބާރުން ރައްޔިތުންގެ ފައިދާއަށް ކާމިޔާބު މަސައްކަތްތަކެއް ކޮށްދީފައިވާ އިރު، އެފަދަ ހެޔޮކަމެއް ޤައުމުތަކާއި ރައްޔިތުންނަށް ކޮށްދިނުމަށް ލިބުނު ފުރުސަތު އެމެރިކާއިން ނަގާލީ ކަމަށް، އިކޮނޮމިކްސްގެ ދާއިރާއިން ނޮބެލް އެވޯޑް ހާސިލްކުރި އަދި ވޯލްޑް ބޭންކުގެ ކުރީގެ ޗީފް އިކޮނޮމިސްޓް ޕްރޮފެސަރު ޕޯލް ރޯމަރ ފާހަގަކުރެއްވައެވެ.
އެންޑީޓީވީ ވޯލްޑް ސަމިޓް 2024 ގައި ވާހަކަ ދައްކަވަމުން ރޯމަރ ވަނީ ދެގައުމުގެ ރައްޔިތުންގެ ދިރިއުޅުން ރަނގަޅު ކުރުމަށް ޓެކްނޮލޮޖީ ބޭނުންކޮށްފައިވާ ގޮތުގެ ބޮޑު ތަފާތެއް ދައްކަވާފައެވެ.
ރޮމަރ ފާހަގަކުރެއްވި ގޮތުގައި އެމެރިކާއިން ޑިޖިޓަލް ޓެކްނޮލޮޖީގެ ދާއިރާގައި "އަޖައިބު ކުރުވަނިވި ފުރުސަތެއް ބޭކާރުކޮށްފައިވާ" ކަމަށާއި، ޓެކްނޮލޮޖީގެ ތަރައްގީން ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އެމެރިކާއަށް ގެނަސް ނުދެވުނު ކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ "ޑިޖިޓަލް ޓެކްނޮލޮޖީއާ އެކު އެމެރިކާގައި އަޅުގަނޑުމެންނަށް ލިބުނު ފުރުސަތުތައް، އަޅުގަނޑުމެން ބޭކާރުކޮށްލީ. ހަގީގަތުގައި ވެސް ބޮޑު ފުރުސަތެއް ބޭކާރުކޮށްލީ" ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި އެމެރިކާގައި ކުރިން އޮތް މީހުންގެ އުމުރު ދިގުވުމުގެ ޓްރެންޑް މިޙާރު ދަށަށް ދާން ފަށާފައިވެ އެވެ.
ރޯމަރ ވަނީ އިންޑިއާ އިން ތައާރަފް ކޮށްފައިވާ ކާކުކަން އަންގައިދޭ ކާޑު އާދާރަށްވެސް ތައުރީފް ކުރައްވާފައެވެ. ކުރިން އެއްވެސް ރަސްމީ ސިފައެއް ނެތް އެތައް ސަތޭކަ މިލިއަން މީހުންގެ ދިރިއުޅުން އާދާރުން ބަދަލުކޮށްފައިވާ ގޮތްތަކަށް އޭނާ އަލިއަޅުވާލެއްވިއެވެ. އާދާރުގެ ކުރިން އިންޑިއާގެ ގިނަ ބައެއްގެ އަތުގައި އުފަންދުވަހުގެ ސެޓްފިކެޓް ނުވަތަ ޑްރައިވިން ލައިސަންސް ފަދަ ލިޔެކިޔުންތައް ނެތުމުން އެމީހުންނަކީ ޒަމާނީ ދައުލަތުގެ ނަޒަރުގައި އެތައް ކަމަކުން މަހުރޫމު ކުރެވުނު ބަޔެކެވެ.
އާދާރު ކާޑުން އެމީހުންނަށް ރަސްމީ އައިޑެންޓިޓީއެއް ދީ، އެތައް ޚިދުމަތްތަކެއް ފަހިކޮށްދިން ކަން އޭނާ ފާހަގަ ކުރެއްވިއެވެ. އަދި އޭގެ ސަބަބުން އެމީހުންނަށް ޑިޖިޓަލް ޕޭމެންޓް ހެދުމަށް ފަހިކޮށްދިން ކަމަށް ވިދާޅުވިއެވެ.
ރޯމަރ އިތުރަށް ފާހަގަކުރެއްވީ އިންޑިއާއިން ސަބްސިޑީ ލިބޭ މީހުންނަށް ފައިދާވާ ގޮތަށް ބެންކު އެކައުންޓުތައް ހުޅުވައިދީ ބެންކަށް އެފައިސާ ޖަމާކޮށްދޭން ފެށުމަކީ، އާދާރުގެ ސަބަބުން ލިބުނު ކާމިޔާބީއެއް ކަމަށެވެ.
ޖުމުލަ ގޮތެއްގައި އިންޑިއާއިން ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުންކުރުމުގައި ގެންގުޅޭ އުސޫލުން ރައްޔިތުންގެ ޖުމްލަ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް އެހީތެރިވެދީފައިވާކަން ފާހަގަކުރައްވައި ޕްރޮފެސަރ ރޯމަރ ވަނީ އިންޑިއާގެ ވަށާޖެހޭ ތަރައްޤީއަށް ޑިޖިޓަލް ޓެކްނޮލޮޖީން ގެނަސްދިން ބަދަލުތައް ފާހަގަ ކުރައްވާފައެވެ.