ޔުއެފާ ޗެމްޕިއަންސް ލީގުގައި މިރޭ އަޔަކްސް 4-2 އިން ބަލިކޮށް، މިސީޒަނުގެ ގްރޫޕް ސްޓޭޖުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗެއް ކާމިޔާބު ކުރި ހަމައެކަނި ޓީމުގެ ޝަރަފާއެކު އިޓަލީގެ ނަޕޯލީ ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ.
ނަޕޯލީގެ މަޝްހޫރު ޑިއޭގޯ އާމަންޑޯ މަރަޑޯނާ ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ނަޕޯލީއިން ދެލަނޑު ޖެހިއެވެ. މިދެލަނޑު ކާމިޔާބު ކޮށްދިނީ ހާރްވިންގ ލޮޒާނޯ އާއި ގިއަކޮމީ ރަސްޕޮޑޯރީއެވެ. ދެވަނަ ހާފް ފަށިތަނާހެން އަޔަކްސްއިން ފަރަގު ކުޑަކުރީ ޑޭވީ ކްލާސެން ކާމިޔާބު ކުރި ލަނޑުންނެވެ. އެކަމަކު 62 ވަނަ މިނެޓުގައި ކަވީޗާ ކާމިޔާބު ޕެނަލްޓީއާއެކު ނަޕޯލީން އަނެއްކާވެސް ލީޑް ފުޅާކުރިއެވެ. އަޔަކްސްއިން ދެވަނަ ފަހަރަށް ފަރަގު ކުޑަކުރީ 83 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ސްޓީވެން ބާގަވިންއެވެ. އެކަމަކު އޭގެ 6 މިނެޓްފަހުން އަނެއްކާވެސް ނަޕޯލީއިން އިތުރު ލަނޑެއް ޖަހައި ލީޑް ފުޅާ ކުރިއެވެ. މިލަނޑު ކާމިޔާބު ކޮށްދިނީ ވިކްޓަރ އޮސިމްހެންއެވެ.
މިމެޗުގައި އަޔަކްސް ކޮޅަށް ވަން ހަތަރު ލަނޑާއެކު މިސީޒަނުގައި ނަޕޯލީން އެޓީމު ކޮޅަށް ދެމެޗުގައި 10 ލަނޑު ޖެހީއެވެ. މިއީ ޗެމްޕިއަންސް ލީގުގެ ތާރިހުގައި އަޔަކްސް ކޮޅަށް އެއްޓީމަކުން އެއްސީޒަނެއްގައި 10 ލަނޑު ޖެހި ފުރަތަމަ ފަހަރެވެ.
މިމޮޅާއެކު ދެވަނަ ބުރަށް ނަޕޯލީ ދަތުރު ކުރީ 12 ޕޮއިންޓާއެކުއެވެ. އަޔަކްސް ގްރޫޕުގެ ތިންވަނައިގައި އޮތީ 3 ޕޮއިންޓާއެކުއެވެ. މިގްރޫޕުން ދެވަނަ ބުރަށް ދަތުރު ކުރުމުގެ އަމިއްލަ ބާރު ދެން އޮތީ 7 ޕޮއިންޓާއެކު ދެވަނައިގައި އޮތް، އެންމެފަހުގެ ރަނައަޕް ލިވަޕޫލްއަށެވެ. ލިވަޕޫލް މިރޭ ނިކުންނާނީ ގްރޫޕް ފުލުގައި އޮތް ރޭންޖާސްއާ ދެކޮޅަށެވެ. ލިވަޕޫލް މިރޭ މޮޅުވެއްޖެނަމަ އެޓީމަށް ދެވަނަ ބުރުން ފުރުސަތު ލިބޭނެއެވެ.