ފުޓްބޯޅަ ކުޅޭއިރު ބަލަންވީ ހިތްހަމަ ޖެހޭ މަގާމަށް ކުޅެން ނޫން ކަމަށާއި، ކޯޗް އެދެފިނަމަ ކޮންމެ މަގާމަކަށްވެސް ކުޅެން ތައްޔާރަށް ހުރުމަކީ މުހިއްމު ކަމެއް ކަމަަށް ބުނެ ނުސީދާ ގޮތަކަށް ކިލިއަމް އެމްބައްޕޭއަށް ތިއޮރީ އޮންރީ ނަސޭހަތް ދީފިއެވެ.

އޮންރީ، އެމްބައްޕޭއަށް ނަސޭހަތް ދީފައި މިވަނީ، ޕީއެސްޖީއާއެމެދު ހިތްހަމަ ނުޖެހި ކުރިއަށް އޮތް ޖެނުއަރީ ޓްރާންސްފާގައި ކްލަބު ދޫކޮށްލަން އެމްބައްޕޭ ނިންމައިގެން ހުރި ކަމަށް ބުނެ މީޑިޔާގައި އިއްޔެ ވަރަށް ބޮޑަށް ޚަބަރުތައް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ.

"އަހަރެންގެ އަމިއްލަ ތަޖުރިބާއިން ވާހަކަ ދައްކަމާ ހިނގާ. ބާސާގައި އަހަރެން ވަރަށް ބޮޑަށް ވައިޑް ކުޅުންތެރިއެއްގެ ގޮތުގައި ކުޅުނީ އެކަން ކުރާ ހިތްވާތީކީ ނޫން. އެކަމަކު ޓީމުގެ ފައިދާއަށް ކޯޗް ބުނީމަ ދެން އޮންނީ އެގޮތަށް އަމަލު ކުރުން. ޓީމުގެ ފައިދާއަށް ވިސްނަންވީ" ފްރާންސް ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައި ދިނުމުގެ ރެކޯޑް އޮންނަ އޮންރީ ބުންޏެވެ.

ޕީއެސްޖީ ދޫކޮށްލަން އެމްބައްޕޭ އުޅޭކަމުގެ ޚަބަރުތައް ގަދަވެފައިވާއިރު، މިދިޔަ ހަފްތާގައި ޔުއެފާ ނޭޝަންސް ލީގުގައި ފްރާންސް ގައުމީ ޓީމަށް ކުޅުމަށްފަހު އެމްބައްޕޭ ބުނީ ޕީއެސްޖީއަށް ވުރެ "ފްރީ ރޯލެއް" އޭނައަށް ގައުމީ ޓީމުގައި ލިބޭ ކަމަށެވެ. ފްރާންސް ގައުމީ ޓީމުގައި އެމްބައްޕޭ ބޮޑަށް ކުޅެނީ ވައިޑަށް ނިކުމެގެންނެވެ. އެކަމަކު ޕީއެސްޖީގައި އޭނާގެ ބޭނުން މިސީޒަނުގައި ބޮޑަށް ހިފަމުން ދަނީ ސެންޓަރ ފޯވާޑެއްގެ ގޮތުގައެވެ.