ޑިފެންޑަރު ނަތަން އާކޭ ކުރިއަށް އޮތް ޖެނުއަރީ ޓްރާންސްފާގައި ވިއްކާނުލާނެ ކަމަށް މެންޗެސްޓަރ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ގާޑިއޯލާ ބުނީ އާކޭއާމެދު އޭނާ ހިތްހަމަ ޖެހޭ ކަމަށާއި އާކޭއަކީ ސްކޮޑަށް މުހިއްމު ކުޅުންތެރިއެއް ކަމަށެވެ. "ޖެނުއަރީގައި އޭނާ (އާކޭ) ވިއްކައެއް ނުލާނަން. ސްކޮޑަށް ވަރަށް މުހިއްމު ކުޅުންތެރިއެއް އޭނާއަކީ" ގާޑިއޯލާ ބުންޏެވެ.

މިދިޔަ ސިޒަނުގައި އަނިޔާގެ ސަބަބުން އެންމެ އެދެވޭ ކުޅުން ނުދެއްކުނު ނަމަވެސް، މިސީޒަަނުގައި އާކޭއަށް ކުޅެންދޭ ފުރުސަތުތަކުގައި މޮޅު ކުޅުމެއް ދައްކައެވެ. ގާޑިއޯލާ ވަނީ ވާދަވެރި މެންޗެސްޓަރ ޔުނައިޓެޑް އަތުން މޮޅުވި މެޗުގައިވެސް އާކޭއަށް ފުރަތަމަ އެގާރައިން ޖާގަ ދީފައެވެ. މީގެ އިތުރުން ޗެމްޕިއަންސް ލީގުގައިވެސް އާކޭއަށް ފުރުސަތު ދެއެވެ.

"މިދިޔަ ސީޒަނުގައި އަނިޔާގެ ސަބަބުން އެންމެ ރަނގަޅަށް އަހަންނަށް ކުޅެވޭ ގޮތެއް ނުވި. އެކަމަކު މިސީޒަނުގައި ހިތްހަމަ ޖެހޭ ވަރުގެ ކުޅުމެއް ދައްކަން ފުރުސަތު އެބަލިބޭ. ސިޓީގައި ދެމިހުރެ ގިނަ ކަންކަން ދަސްކުރަން ފުރުސަތު ލިބުމަކީ ލިބޭ ހިތްހަމަ ޖެހުމެއް" ނެދަލޭންޑްސް ގައުމީ ޓީމުގެވެސް މުހިއްމު ޑިފެންޑަރު އާކޭ ބުންޏެވެ.

އާކޭ ގެންދިޔުމަށް މަސައްކަތް ކުރާ ކްލަބުތަކުގެ ތެރޭގައި އޭނާގެ ކުރީގެ ކްލަބު ޗެލްސީ އާއި އިޓަލީ އިންޓަމިލާން ފާހަގަ ކޮށްލެއެވެ.