ބޮލީވުޑްގެ މަޝްހޫރުތަރި ކަރީނާ ކަޕޫރު އޭނާގެ ހަގު ދަރި ޖެއި ގޮވައިގން ފިލްމް ޝޫޓިން އަކަށް ލަންޑަނަށް ހިނގައްޖެއެވެ.

ކަރީނާ އިންސަޓަރ ގްރާމުގައި އޭނާގެ ހަގު ދަރިފުޅާއެކު ހިއްސާކުރި ފޮޓެއެއްގައި ލިޔެފައިވަނީ ދަރިފުޅާއެކު މަސައްކަތުގައި ހަރަކާތްތެރިވާކަމަށެވެ. މީގެ ކުރިންވެސް ކަރީނާ އޭނާގެ ދަރިން ގޮވައިގެން ފިލްމީ މަސައްކަތުގައި ހަރަކާތްތެރި ވިއެވެ.

ދާދި ފަހުން ޓީވީ އިންޓަވިއުއެއްގައި ކަރީނާ ބުނެފައިވަނީ އޭނާ ދިރިއުޅުމުގައި އެންމެ އިސްކަމެއްދެނީ ދަރިންގެ ކަންކަމަށެވެ. އަދި އޭނާ ފިލްމް ކުޅުމުގެ މަސައްކަތުގައި އުޅޭއިރު ސައިފު ދަރިން ބަލައިދޭކަމަށްވެސް ބުންޏެވެ. އަދި ސައިފް މަސައްކަތަށް ދިއުމުން އޭނާ ދަރިން ބަލާކަމަށްވެސް މި އިންޓަވިއުގައި ބުންޏެވެ.

ކަރީނާ ލަންޑަނަށް ދިޔައީ ހަންސަލް މެހްތާގެ ފިލްމެއްގެ މަންޒަރުތައް ނެގުމަށެވެ. މިއީ "ކްރައިމް" ފިލްމެއްކަމަށް އިންޑިއާގެ ނޫސްތަކުން ބުނެއެވެ. ކަރީނާ މުހިންމު ދައުރެއް އަދާކުރާ މި ފިލްމާބެހޭ އިތުރު މައުލޫމާތެއް މީޑިއާއަށް ތިލަކޮށެއް ނުދެއެވެ.

ކަރީނާ އެންމެފަހުން ފެނިގެންދިޔަ ފިލްމަކީ އާމިރު ޚާންގެ ލާލް ސިންގް ޗައްދާއެވެ.

އޭނާ މިހާރު ކުޅެމުންދާ ފިލްމުގެ އިތުރަށް ސޮކޮށްފައިވާ ގިނަ ފިލްމުތަކެއް ކުރިއަށްވެސް އެބަހުއްޓެވެ.