ކުޅުންތެރިއެއްގެ ގޮތުގައި ރެފްރީއާ ދިމާކުރި ގޮތަށް ކޯޗެއްގެ ގޮތުގައި ހުރެވެސް ބާސެލޯނާގެ ކޯޗް ޒަވީ ހެނާންޑޭޒް ގެންދަނީ ރެފްރީންނާ ދިމާ ކުރަމުން ކަމަށް ބުނެ ރެއާލް މެޑްރިޑާއި އޭސީ މިލާނުގެ ކުރީގެ ތަރި ކްލިއަރެންސް ސީޑޯފް، ޒަވީއަށް ވަރަށް ބޮޑަށް ފާޑު ކިޔައިފިއެވެ.
ސީޑޯފް ބުނީ ކުޅުންތެރިއެއްގެ ގޮތުގައިވެސް އާންމުކޮށް ރެފްރީިންނާ ހަމައަށް ޒަވީ ޝަކުވާ ގެންދާކަމަށާއި އެކަމަކު މިހާރު އެގޮތް ދޫކޮށްލައި ރެފްރީންނަށް އިހްތިރާމް ކުރަން ޒަވީ ޖެހޭ ކަމަށެވެ.
"ބާސެލޯނާއިން ރެފްރީ ކުއްވެރި ކުރީއޭ؟..އެމީހުންގެ ސަގާފަތުގައި އޮތް ކަމެއް އެއީ ރެފްރީއިން ޕްރެޝަރަށް ވައްޓާލުން. އަހަރެންގެ ނަޒަރުގައި ޒަވީ އެބަޖެހޭ މިހާރަށްވުރެ ބޮޑަށް ރެފްރީންނަށް އިހްތިރާމް ކުރަން" ބާސެލޯނާއާ ވާދަވެރި ރެއާލް މެޑްރިޑަށް 121 މެޗް ކުޅެދީފައިވާ ކުރީގެ މިޑްފީލްޑަރު ސީޑޯފް ބުންޏެވެ.
ރެފްރީންނަށް ފާޑު ކިޔައިގެން ޒަވީއަށް ސީޑޯފް ރައްދު ދީފައިވާއިރު، ޗެމްޕިއަންސް ލީގުގައި މީގެ ހަފްތާއެއްހައި ދުވަސް ކުރިން އިންޓަމިލާނާ ދެކޮޅަށް ކުޅެ 1-0 އިން ބާސާ ބަލިވި މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ބާސާއަށް ޕެނަލްޓީއެއް ލިބެން ޖެހޭ ކަމަށް ޒަވީ ގަބޫލް ކުރެއެވެ.
މިމެޗުގެ އިތުރު ވަގުތުގެ ތެރޭގައި އިންޓަގެ ޑެންޒެލް ޑަމްފްރައިސް އަތުގައި ބޯޅަ ޖެހުނުތަން ވީޑިއޯ ރިޕްލޭއިން ފެނެއެވެ. އެކަމަކު ރެފްރީ ސްލަވްކޯ ވިންސިކް ނިންމީ އެއީ ޕެނަލްޓީއެއް ނޫން ކަމަށެވެ. އަދި ވީއޭއާރު ޓީމުންވެސް ރިޕްލޭ ބެލުމަށް ރެފްރީއަށް އަންގާފައެއް ނުވެއެވެ. އަނެއްކޮޅުންް ފާހަގަ ކޮށްލެވޭ ކަމަކީ މިމެޗުގައި ރެފްރީއަކަށް ހުރި ވިންސިކް އާއި ވީއޭރު ޓީމަކީ، މިފަހަރު ޗެމްޕިއަންސް ލީގުގައި ބަޔާން މިޔުނިކުގެ ދަނޑުގައި 2-0 އިން ބާސާ ބަލިވި މެޗުގައިވެސް ތިބި ރެފްރީންގެ ޓީމު ކަމެވެ. މިމެޗުގައިވެސް ބަޔާންގެ އޭރިޔާގެ ތެރެއިން ޑެމްބެލޭއަށް ކުރި ފައުލެއް އެއީ ޕެނަލްޓީއެއް ކަމަށް ޒަވީ ވަރަށް ބޮޑަށް އެޕީލް ކުރިއެވެ. ޓީވީ ރިޕްލޭއިންވެސް ފެންނަ ގޮޮތުގައި ޑެމްބްލޭ އޭރިޔާގެ ތެރެއަށް ވެއްޓުނީ ބަޔާން ކުޅުންތެރިއެއްގެ ފައުލަކުންނެވެ.
އެންމެފަހުން އިންޓަމިލާނާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅެ 3-3 އިން އެއްވަރުވުމުން، މިފަހަރުވެސް ގްރޫޕް ސްޓޭޖް ގިރާ ނުކުރެވި ޔުރޮޕާ ލީގަށް ބާސާ ދާންޖެހިދާނެ ކަމުގެ ބިރު މިހާރު ވަނީ ކުރިމަތިވެފައެވެ.