ސިފައިންގެ ހެވިކަމުގެ ހުނަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު މިއަދު ބައްލަވާލައްވައިފިއެވެ.

މި ހެވިކަން ރައީސް ބައްލަވާލެއްވީ ލ. އަތޮޅުގެ ދެ ރަށަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކައްދޫގައި ޤާއިމުކޮށްފައިވާ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގެ ސެންޓްރަލް އޭރިއާގެ މަރުކަޒަށް ވަޑައިގެންނެވެ.

މިއަދު މެންދުރުފަހު ކައްދޫގައި ކުރިއަށްދިޔަ އަސްކަރީ ތަމްރީނުތަކުގެ ޑެމޮންސްޓްރޭޝަނަކީ މިދިޔަ ނޮވެމްބަރު މަހުގެ 16 އިން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށް ގެންދިޔަ އެމް.އެން.ޑީ.އެފްގެ އަސްކަރީ ތަމްރީނުތަކުގައި ސިފައިން ހޯދާފައިވާ ހެވިކަމުގެ ހުނަރުތައް ދައްކާލުމަށް ކުރިއަށްގެންދިޔަ ޑެމޮންސްޓްރޭޝަނެކެވެ. ދިވެހި ސިފައިންގެ އަސްކަރީ ޤާބިލިއްޔަތުކަން އިތުރުކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ މި ތަމްރީނުތައް ދައްކާލުމަށް ބޭއްވި ޑެމޮންސްޓްރޭޝަނުގައި ސިފައިން ވަނީ ކްލޯސް ކުއާޓަރ ބެޓްލް ކޯސް އަދި މާރކްސްމަންޝިޕްގެ ހުނަރުތައް ދައްކާލާފައެވެ.

މި ތަމްރީނުތައް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ އަދި ސިފައިންގެ އިސް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސްގެ މިދަތުރުފުޅުގައި ލ. ގަމުގެ މަރުކަޒީ އިންޖީނުގެ އެއް ވިއުގައަކުން ގުޅާލުން އިފްޠިތާހުކޮށްދެއްވިއެވެ. އަދި ގަމުގައި ތަރައްޤީކޮށްފައިވާ ޒޯން ސްޓޭޑިއަމްގެ ފުޓުބޯޅަ ދަނޑު ވެސް ވަނީ އިފްޠިތާޙުކޮށްދެއްވައިފައެވެ. އަދި އެ ރަށުގެ ހޮސްޕިޓަލުގައި އަލަށް ތަޢާރުފުކުރުމަށް ހަމަޖެހިފައިވާ ސީޓީ ސްކޭންގެ ޚިދުމަތް ވެސް ވަނީ ފައްޓަވައިދެއްވާފައެވެ.