ޕީޕީއެމްގެ ވެރިކަމެއްގައި މަސްވެރިކަމުގެ ސިނާއަތު އެސިިނާއަތަށް ހައްގުވާ ދަރަަޖައަށް ވާސިލް ކޮށްދެއްވާނޭ ކަމަށް ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ. އެއީ އެމަނިކުފާނު މިހާރުވެސް ވިސްނަވަމުން ގެންދަވާ މުހިންމު ކަމެއް ކަމަށް ވިިދާޅުުވިއެވެ.

މިސަރުކާރުން މަސްވެރީންނަށް ވެފައިވާ ގިނަ ވައުދުތައް ފުއްދަމުން ނުދާކަމަށް ބުނެ ޕީޕީއެމުން ވަނީ އެކަމާ އިިހުތިޖާޖު ވެސް ކޮށްފައެވެ. ތިލަދުންމައްޗަށް ރައީސް ޔާމީން މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައ އިހަވަންދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނަށް އަލުން ވެރިކަން ލިބިވަޑައިގެންފިނަމަށް މިހާރަށްވުރެ އެތައް ގުނައެއް މަސްވެރީންނަށާއި މަސްވެރި އާއިލާތަކަށް ރަނގަޅުވެގެންދާނޭ ކަމަށެވެ.

ޕީޕީއެމްގެ ވެރިކަމެއްގައި މަސްވެރިން ބާނާ މަހަށް މިހާރަށްވުރެ ރަނގަޅު އަގެއް ދެއްވާނޭ ކަމަށް ވެސް ވިދާޅުވިއެވެ. އެންމެ ކުޑަކޮށްވެސް ކިލޯއަކަށް 20 ރުފިޔާ ދެވޭނޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ޔާމީން ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވެގެން ދިޔަ ނަމަވެސް މަސް ކިލޯގެ އަގު އެއަށްވުރެ ދަށްނުވާނޭ ކަމަށެވެ.