ސަސުރާލް ސިމަރްކާގެ އިތުރަށް ގިނަ ހިންދީ ޑްރާމާތަކުން ފެނުނު ވައިޝާލީ ޓައްކަރު މަރުވެފައި އޮއްވާ ފެނިއްޖެއެވެ. އޭނާ މަރުވެފައި އޮއްވާ ފެނިފައިވަނީ އިންޑޯރުގައި ހުންނަ އޭނާގެ އަމިއްލަ ގެއިންނެވެ.
ފުލުހުންނާ ހަވާލާދީ ހިންދުަސްތާން ޓައިމްސްގައި ލިޔެފައިވަނީ އޭނާ މަރުވުމުގެ ކުރިން ލިޔެފައިވާ ނޯޓުގައި ވަނީ ކުރީގެ ލޯބިވެރިޔާގެ ފުރައްސާރައިގެ ސަބަބުން އަމިއްލައަށް މުރުވީ ކަމަށެވެ. އެހެންނަމެވެސް އަދި އޭނާ މަރުވީ އަމިއްލައަށްކަމަށް ފުލުހުން ނުނިންމައެވެ.
ވައިޝާލީއާ ގުޅޭ މައުލޫމާތު ހޯދުމަށް ހިންދުސްތާން ޓައިމްސް އިން އެކްޓަރ އަންކުޝް އަރޯރާއާ ވާހަކަ ދެއްކުމުން އޭނާއަށް ވައިޝާލީގެ އަމިއްލަ ދިރިއުޅުމުގެ މާގިނަ ކަންކަން ނޭނގޭ ކަމަށް ބުނެފައިވެެއެވެ. ވައިޝާލީ އާ ބައްދަލުނުވާތާ ވަރަށް ގިނަ ދުވަސް ވެއްޖެ ކަމަށްވެސް އޭނާ ބުނެފައިވެއެވެ. އަންކުޝް އަރޯރާއަކީ ވައިޝާލީ އާއެކު "ޔެ ވާދާ ރަހާ" ގައި އުޅުނު ތަރިއެވެ.
ވަޝައިލީ އެންމެ ފުރަތަމަ ކުޅުނު ޑްރާމާ އަކީ 2015 އާއި 2016 ގައި ސްޓާރޕްލަސް އިން ދެއްކި "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" އެވެ. އެ ޑްރާމާގައި އޭނާ ކުޅުނީ ސަންޖަނާގެ ރޯލެވެ.
އޭގެ ފަހުންވެސް ވަރަށް ގިނަ ޑްރާމާތަކެއްގެ މުހިންމު ދައުރު އަދާކުރި ވެޝައިލީ އެންމެ ބޮޑަށް ފާހަގަ ކުރެވެނީ ކަލާސް ޓީވީން ގިނަ އަހަރުތަކެއްވަންދެން ދެއްކި "ސަސުރާލް ޝިމަރް ކާ" ގެ އެންމެ މުހިންމު ރޯލް އަދާކުރި ސިމަރް އާއި ޕްރޭމްގެ އަންހެން ދަރިފުޅުގެ ރޯލުންނެވެ.
ވައިޝާލީ ވަނީ މިދިޔަ އަހަރު އޭނާ "އެންގޭޖް" ވިކަމަށް އިންސްޓަރ ގްރާމުގައި ހާމަކޮށްފައެވެ. އޭނާ އެންގޭޖުވީ ޑޮކްޓަރ އަނިނަންދަން ސިންގް އާ ކަމަށް ބުނެ އިންސްޓަގްރާމުގައި އޭނާ ފޮޓޯތައް ހިއްސާ ކުރިއެވެ.
ވައިޝައިލީގެ މަރާގުޅޭގޮތުން އޭއެންއައި އަށް މައުލޫމާތު ދެއްވަމުން، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އެމް ރަޙްމާން ބުނެފައިވަނީ ވައިޝާލީގެ ކުރީގެ ލޯބިވެރިޔާގެ ފުރައްސާރަ އަށް ކެތްނުވެގެން އަމިއްލަ އަށް މަރުވީކަމަށް ދޭހަވާފަދަ ލިޔުމެއް ފެނިފައިވާކަމަށެވެ.