މުސްތަގުބަލުގައި ކުޅިވަރު މުބާރާތައް ބާއްވާއިރު ލާމަރުކަޒީ ގޮތެއްގައި އެކަން ކުރެވޭނެ ނިޒާމެއް ހަމަޖައްސައިގެން ކުރިއަށް ގެންދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ލ. ގައމުގައި އަޅައިފައިވާ ފުޓުބޯޅަ ދަނޑު ހުޅުވުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުނެވެ. އެމަނިކުފާނު ވިދާޅުވީ ރަށްރަށުގައި ކުޅިވަރު ވަސީލަތްތައް ތަރައްޤީކުރުމުގެ ޙަޤީޤީ ނަތީޖާ ފެންނާނީ އޭރުން ކަމަށެވެ.

ގަމު ބޯޅަދަނޑަކީ ފީފާގެ މިންގަނޑަށް އަޅައިފައިވާ ތަނެކެވެ. އެ ދަނޑުގެ މަސައްކަތް ފެށީ މިދިޔައަހަރު ފަހުކޮޅުއެވެ.

މި ރަސްމިއްޔާތުގައި އެމަނިކުފާނު ވިދާޅުވީ "ތަރައްޤީ ލާމަރުކަޒު ކުރުމުގެ ވަރަށް ގިނަ މަޝްރޫޢުތައް، މި އަންނަ އަހަރުގެ ތެރޭގައިވެސް މި ރަށާއި މި އަތޮޅުގައި ކުރިއަށް ގެންދިއުމަށް އަޅުގަނޑުމެން ވާނީ ޕްލޭންކޮށްފައި،" ކަމަށެވެ. އޭގެ ތެރެއިން، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ބައެއް ކަންތައްތައް އެމަނިކުފާނު ވަނީ ހާމަކުރައްވައިފައެވެ. އެގޮތުން ގަމު މުކުރިމަގު ބަނދަރުގެ މަސައްކަތް މިހާރުވާނީ އެމް.ޓީ.ސީ.ސީއާ ހަވާލުކުރެވިފައި ކަމަށް ވިދާޅުވިއެވެ. އޭގެ އިތުރުން ތުނޑި އަވަށުގެ ބަނދަރުގެ މަސައްކަތް، އަންނަ އަހަރު ކުރިއަށް ގެންދިއުމަށް ވަނީ ބަޖެޓުކުރެވިފައި ކަމަށް ވެސް ވިދާޅުވިއެވެ. އަދި ގަމު މަގު ހެދުމުގެ މަޝްރޫޢުގެ ޑިޒައިނަށް ބޭނުންވާ ސާރވޭގެ މަސައްކަތްތައްވެސް މިހާރު އޮތީ ނިމިފައި ކަމަށް ވިދާޅުވިއެވެ. އަދި އެ ރަށުގައި ބޯފެނުގެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތްވެސް މިހާރު އޮތީ، އެކަމަށް ޝޯޓްލިސްޓް ކުރެވުނު ފަރާތްތަކުން ބީލަން ހުޅުވައިލުމުގެ މަރުޙަލާގައި ކަމަށް ވިދާޅުވިއެވެ.

"މިއަތޮޅުގެ ރަށްތަކުގެ ތެރެއިން، ފެނާއި ނަރުދަމާ ނިޒާމު މިހާތަނަށް ޤާއިމުނުކުރެވި ހުރި ހުރިހާ ރަށެއްގައިވެސް، އެ ޚިދުމަތް ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ފެށުމަށް މި އަންނަނީ ތައްޔާރުވަމުން. ކާރިސާތަކާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، މި ސަރަޙައްދުގައި ޤާއިމުކުރާ ރީޖަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ، ފޮނަދޫގައި ޤާއިމުކުރުމުގެ މަސައްކަތްވެސް، އިރާދަކުރެއްވިއްޔާ އަންނަ އަހަރު ފެށޭނެ،" ރައީސް ވިދާޅުވިއެވެ. އޭގެ އިތުރުން، ފޮނަދޫ މަގު ހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތު އެއްބަސްވުމުގައި ވަރަށް އަވަހަށް ސޮއިކުރެވިގެންދާނެ ކަމަށާއި ފޮނަދޫ ޕޮލިސް ސްޓޭޝަން ޢިމާރާތްކުރުމާއި، ފޮނަދޫ ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމުގެ މަސައްކަތްވެސް، އަންނަ އަހަރު ފެށުމަށް މިހާރުވާނީ ބަޖެޓުކުރެވިފައި ކަމަށް ވިދާޅުވިއެވެ.