މިހާރު ކުރިއަށްދާ ބެލޮންޑިއޯ ހަފްލާގައި އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ބާސެލޯނާ އާއި ސްޕެއިނުގެ ތަރި އެލެކްސިއާ ޕުޓެލަސް ވަނީ މިރޭ ދިފާއު ކޮށްފިއެވެ.

"ގާޑް މުލާ" ނުވަތަ އެންމެ މޮޅު ސްޓްރައިކަރުގެ އެވޯޑް ހޯދީ މިދިޔަ ސީޒަނުގައި ބަޔާން މިޔުނިކަށް ކުޅުނު އަދި މިހާރު ބާސެލޯނާއަށް ކުޅެމުން އަންނަ ޕޮލެންޑް ގައުމީ ޓީމުގެ ނުރައްކާތެރި ފޯވާޑް ރޮބާޓް ލެވަންޑޮސްކީއެވެ. މިދިޔަ ސީޒަން ލެވަންޑޮސްކީ ނިންމާކީ 57 ލަނޑާއެކުއެވެ.

މިއަހަރު އަލަށް ފްރާންސް ފުޓްބޯލް މެގަޒިނުން ތައާރަފް ކުރި "ސޮކަރޭޓްސް އެވޯޑް" ލިބުނީ ސެނަގާލް އާއި ބަޔާން މިޔުނިކުގެ ތަރި ސަޑިއޯ މާނޭ އަށެވެ. މިއެވޯޑަކީ އިންސާނިއްޔަތަށް ކުރާ ހިދުމަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދޭންފެށި އެވޯޑެކެވެ. ސޮކަރަރޭޓްސްއަކީ ބްރެޒިލް ގައުމީ ޓީމުގައި ވިދާލުމަށްފަހު އެގައުމަށް ޑިމޮކްރަސީ ގެނައުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރި ވަރުގަދަ ޝަހްސިއްޔަތެކެވެ.

މާނޭއަކީ އޭނާގެ އުފަން އަވަށުގައި ހޮސްޕިޓަލާއި ސްކޫލާއި މިނޫންވެސް އެތައް ހިދުމަތްތަކެއް އެއަވަށުގެ ރައްޔިތުންނަށް ފޯރުކޮށްދެމުން އަންނަ ދީލަތިކަމަށް މަޝްހޫރު މުސްލިމް ކުޅުންތެރިއެކެވެ.

"ފްރާންސް ފުޓްބޯލް" މެގަޒިންއިން ދެމުން އަންނަ "ބެލޮންޑިއޯ" އެވޯޑް ފާއިތުވެދިޔަ ދެއަހަރުވެސް ހޯދީ އާޖެންޓީނާ އާއި ޕީއެސްޖީގެ ތަރި ލިއޮނަލް މެސީއެވެ. އެކަމަކު މިފަހަރަކީ ފާއިތުވެދިޔަ 16 އަހަރު ތެެރޭގައި މެސީ އަދި މަޝްހޫރު ކްރިސްޓިއާނޯ، މިދެކުޅުންތެރިންގެ ތެރެއިން އެއްވެސް ކުޅުންތެރިޔަކު ގަދަ ތިނެއްގައި ނުހިމެނުު ފުރަތަމަ ފަހަަރުކަން ފާހަގަ ކޮށްލެވެއެވެ.