ފުޓްބޯޅަ ކުޅުންތެރިންނަށް ދެވޭ އެންމެ ޝަރަފްވެރި އެވޯޑް "ބެލޮންޑިއޯ" ފުރަތަމަ ފަހަރަށް ރެއާލް މެޑްރިޑާއި ފްރާންސްގެ އިތުބާރު ފޯވާޑް ކަރީމް ބެންޒެމާ ލިބިއްޖެއެވެ.

މިހާރު ކުރިއަށްދާ މިއެވޯޑް ހަފްލާގައި މިއެވޯޑަށް ބެންޒެމާއާ އެންމެ ކައިރިން ވާދަކުރީ މިދިޔަ ސީޒަނުގައި ލިވަޕޫލަށް ކުޅުނު، އަދި މިހާރު ބަޔާން މިޔުނިކަށް ކުޅެމުން އަންނަ ސެނަގާލްގެ ފޯވާޑް ސަޑިއޯ މާނޭ އާއި މެންޗެސްޓަރ ސިޓީ އާއި ބެލްޖިއަމްގެ ހުނަރުވެރި ޕްލޭމޭކަރ ކެވިން ޑިބްރޭނާ އާއި ބާސެލޯނާ އާއި ޕޮލެންޑުގެ ނުރައްކާތެރި ފޯވާޑް ރޮަބާޓް ލެވަންޑޮސްކީއެވެ.

ބެންޒެމާއަކީ މިދިޔަ ސީޒަނުގައި ރެއާލްއިން ޗެމްޕިއަންސް ލީގާއި ސްޕެނިޝް ލަލީގާ ކާމިޔާބު ކުރިއިރު، މުހިއްމު މެޗުތަކުގައި މުހިއްމު އެތައް ލަނޑެއް ޖަހައި މުހިއްމު ވަގުތުގައި ޓީމު ލީޑް ކުރި ކެޕްޓަނެވެ. ބެންޒެމާ ވަނީ މިދިޔަ ސީޒަނުގައި 44 ލަނޑު ކާމިޔާބު ކޮށްފައެވެ.

ފާއިތުވެދިޔަ ދެއަހަރު "ބެލޮންޑިއޯ" ހާސިލް ކުރީ އާޖެންޓީނާ އާއި ބާސެލޯނާގެ ކުރީގެ ތަރި ލިއޮަނަލް މެސީއެވެ. މެސީ އާއި ވާދަވެރި ކްރިސްޓިއާނޯ ރޮނާލްޑޯވެސް މިފަހަރު ގަދަ ތިނެއްގައި ހިމެނިފައެއް ނުވެއެވެ. މިއީ ފާއިތުވެދިޔަ 16 އަހަރު ތެރޭގައި މީގެ ތެރެއިން ކުޅުންތެރިޔަކު ގަދަ ތިނެއްގައި ނެތި ދިޔަ ފުރަތަމަ ފަހަރެވެ. ރޮނާލްޑޯ މިފަހަރު ހިމެނުނީ 20 ވަނައިގައެވެ.

ބެލޮންޑިއޯގެ ބައެއް އެވޯޑްތައް:

މޮޅު ކީޕަރު: ތިބައުޓް ކޯޓުއާ (ރެއާލް މެޑްރިޑް / ބެލްޖިއަމް)

މޮޅު ކްލަބް: މެންޗެސްޓަރ ސިޓީ (އިންގްލެންޑް)