ކޮވިޑް 19 ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން މުޅިން ހުއްޓުމަކަށް އައުމަށްފަހު މިހާރު ފަތުރުވެރިކަމަށް ދިރުން އަންނަތަން ފެންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.
ލ. ގަމުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ "ރާއްޖޭގެ އިޤްތިޞާދުގައި އެންމެ ބޮޑު ޙިއްސާއެއްވާ ޓޫރިޒަމްގެ ސިނާއަތު، ކޮވިޑް-19ގެ ސަބަބުން މުޅިން ހުއްޓުމަކަށް އައިސް، އެތައް މަހެއް ހޭދަވުމަށްފަހު، މިއަދު ޓޫރިޒަމަށް ދިރުން އަންނަކަމުގެ ނިޝާންތައް އެބަ ފެނޭ،" ކަމަށެވެ.
ރައީސް ވިދާޅުވީ ﷲ އިރާދަ ކުރެއްވިއްޔާ ކުރިއަށް އޮތް ޓޫރިސްޓް ސީޒަނަކީ، އުންމީދީ ދުވަސްތަކެއް ކަމަށް ވަރަށް ބޮޑަށް ޤަބޫލުކުރެވޭ ކަމަށެވެ. ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ވެސް މިހާރު އަންނަނީ ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުންނެވެ.
ރައީސް ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން އިގްތިސާދީ ގޮތުން ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ރާއްޖެއަށް ކުރިމަތިވި ކަމަށެވެ. އަންނަ އަހަރުގެ ބަޖެޓުވެސް ތަރައްގީގެ ތަރައްގީގެ މަޝްރޫއުތައް ވެސް ހިމަނާފައިވާނީ އެކަންކަމަށް ވިސްނަވައިގެން ކަމަށް ވެސް ވިދާޅުވިއެވެ. "ﷲގެ ރަޙްމަތްފުޅާއެކު، ކުރިއަށް އޮތް އަހަރު ރާއްޖޭގެ އިގްތިސާދަށް ހެޔޮ ބަދަލުތަކެއް އަންނާނެ،" ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.