ޑިސެންބަރު ކުރީކޮޅު ނުވަތަ ނޮވެންބަރު ފަހުކޮޅު އާލިޔާބަޓް ވިހާނެކަމަށް ރަންބީރު އާއިލާގެ މެންބަރަކު ބުނެފިއެވެ.

ހިންދުސްތާން ޓައިމްސްގައި ބުނެފައިވަނީ އާލިއާ ބަޓް ވިހާނެ ދުވަސް ކަމުގައި އާއިލާގެ މެންބަރަކު ބުނީ ނޮވެންބަރު ފަހުކޮޅު ނުވަތަ ޑިސެންބަރު ކުރީ ކޮޅުގައެވެ.

ބޮލީވްޑްގެ މަޝްހޫރު ޑިރެކްޓަރ މަހޭޝް ބަޓްގެ ހަގު ދަރި އަދި މިހާރު ބޮލީވްޑްގައި ވިދަމުންދާ އެއްތަރި ކަމަށްވާ އާލިއާ ބަޓް އާއި ރަންބީރު ކަޕޫރު ކައިވެނިކުރީ މިއަހަރުގެ އޭޕްރީލް މަހުގެ 14 ވަނަ ދުވަހު އެވެ. މި ދެތަރިންގެ ކައިވެނި ޕާޓީ ބޭއްވީ ވަރަށް ކުޑަ ގޮތަކަށް އާއިލާއާއި ގާތް ރައްޓެހިންނަށް ދައުވަތު ދީގެން ބޮންބޭގައި އެމީހުން ދިރިއުޅޭ ގޭގައެވެ.

މިއަހަރުގެ ޖޫންމަހުގެ 27 ވަނަ ދުވަހު އާލިޔާގެ ސަޕޯޓަރުންހައިރާން ކޮށްލީ އޭނާ އަލަތު ދަރިފުޅަށް މާބަނޑުވެ އިން ވާހަކައިންނެވެ. އާލިއާ މި ޚަބަރު ދިނީ ސްކޭން ކުރަށް ހޮސްޕިޓަލުގައި އޮތް ފޮޓޮއެއް ހިއްސާކޮށްފައެވެ.

އާލިޔާއި ރަންބީރުވެސް ބުނަމުންދަނީ އޭނާ އަށް ދަރިއަކު ލިބުނަސް ފިލްމުކުޅުން ހުއްޓާ ނުލާނެކަމަށެވެ. ދަރިއަކު ލިބުމަކީ މަސައްކަތާ ދުރަށްދާން ޖެހޭ ސަބަބެއް ނޫންކަމަށް މި ދެތަރީންވެސް ބުނެއެވެ. އަދި އާލިޔާ މާބަނޑު އިރުވެސް ފިލްމު ކުޅުނެވެ. އޭނާވަނީ ދާދިފަހުން ލަންޑަނުގައި އިނގެރޭސި ފިލްމެއްގެ މަންޒަރުތަކެއްވެސް ކުޅެފައެވެ.

އާލިޔާ ވިހެއުމަށްޓަކައި ކަޕޫރު އާއިލާއިން މިހާރުވަނީ މުންބާއީ ގައި ހުންނަ އެޗްއެން ރިލައިންސް ފައުންޑޭޝަން ހޮސްޕިޓަލުގައި އޭނާގެ ނަން ރަޖިސްޓްރީކޮށްފައެވެ.