އިންޑިއާ އާއި އިނގިރޭސިވިލާތުގެ ޑިފެންސް އިންޑަސްޓްރީގެ ކުންފުނިތައް ގުޅިގެން ދެ ގައުމުގެ ދިފާއީ ދާއިރާ ކުރިއެރުވުމަށް އާ ޑިފެންސް އިންޑަސްޓްރީ ޖޮއިންޓް ވޯކިން ގްރޫޕެއް އުފައްދާފައިވާ ކަމަށް ދިއްލީގައި ހުންނަ އިނގިރޭސި ހައިކޮމިޝަނުން ބުނެފި އެވެ.

އިނގިރޭސިވިލާތާއި އިންޑިއާގެ ޑިފެންސް އިންޑަސްޓްރީ ޖޮއިންޓް ވޯކިން ގްރޫޕްގެ އިފްތިތާހީ ބައްދަލުވުން ބައްވާފައި ވަނީ ގުޖުރާތުގެ ގާނދީނަގަރުގައި ކުރިއަށްދާ ޑިފެއެކްސްޕޯ 2022 ގައެވެ. ޑިފްއެކްސްޕޯގައި އިނގިރޭސިވިލާތުގެ ދިފާއީ ދާއިރާގެ 20 ކުންފުންޏަކުން ބައިވެރިވެއެވެ. އިނގިރޭސިވިލާތުގެ ދިފާއީ ސިނާއަތުން މިހާރުވެސް ދަނީ އިންޑިއާގެ ޑިފެންސް ސަޕްލައި ކުންފުނިތައް އެމީހުންގެ ގްލޯބަލް ސަޕްލައި ޗޭނުގައި ބައިވެރިކޮށް ޑިފެންސް އިކުއިޕްމަންޓް އުފައްދަމުންނެވެ.

ޔޫކޭ ހައިކޮމިޝަނުން ބުނިގޮތުގައި ޖޮއިންޓް ވޯކިން ގްރޫޕަކީ ސިނާއީ ދާއިގާއި ބައިވެރިވުމުގެ ތެރޭން ޑިފެންސް އެންޑް ސެކިއުރިޓީ ޕާޓްނަޝިޕް ހަރުދަނާ ކުރުމަށް ދެ ގައުމުގެ މެދުގައި މިހާރު ކުރިއަށްދާ އިސްނެގުމެއްގެ ތެރޭގައި ހިމެނޭ ގްރޫޕެކެވެ.

ދާދި ފަހުން އިނގިރޭސިވިލާތުން ވަނީ އިންޑޯ ޕެސިފިކް ސަރަހައްދުގައި ދެގައުމުގެ އުފެއްދުންތައް އެކްސްޕޯޓް ކުރުމަށް ފުރަތަމަ ފަހަރަށް އޯޕަން ޖެނެރަލް އެކްސްޕޯޓް ލައިސަންސްއެއް އިންޑިއާއަށް ދޫކޮށްފައެވެ.

އިނގިރޭސި ރޯޔަލް އެއާފޯސް އިން ދާދި ފަހުން ވަނީ ޔޫރޯފައިޓާ ޓައިފޫން، ވޮޔޭޖާ އަދި އޭ400 އާ ގުޅޭ ތަޖުރިބާތައް އިންޑިއާގެ ޑިފެންސް ރިސާޗް އެންޑް ޑިވެލޮޕްމަންޓް އޮގަނައިޒޭޝަން (ޑީއާރުޑީއޯ) އާއެކު ބަދަލު ކުރުމަށް އެއްބަސްވެ، ރޮޔަލް އެއަރފޯސްގެ ޖޮއިންޓް ފްލައިންގ އެކްސަސައިޒްތައް ވެސް ކުރިއަށް ގެންގޮސްފައެވެ.

އިންޑިއާގައި ހުންނަވާ އިނގިރޭސި ހައިކޮމިޝަނަރު އެލެކްސް އެލިސް ވިދާޅުވީ އިނގިރޭސިވިލާތާއި އިންޑިއާގެ ދިފާއީ ގުޅުން ބަދަހިކުރުމަކީ އިނގިރޭސިވިލާތާއި އިންޑިއާ ސަރުކާރުގެ ދެމެދުގެ ކޮމްޕްރެހެންސިވް ސްޓްރެޓެޖިކް ޕާޓްނަޝިޕްގެ މުހިންމު ލަނޑުދަނޑިއެއް ކަމަށެވެ. އަދި ގާނދީނަގަރުގެ ދިފާއީ މައުރަޒުގައި އިނގިރޭސި ސަރުކާރާއި ސިނާއަތުގެ ފަރާތްތަކުން ބައިވެރިވުމަކީ މިކަމުގެ އިތުރު ހެއްކެއް ކަމުގައި އޭނާ ވިދާޅުވިއެވެ.

އެލިސް ވިދާޅުވިގޮތުގައި އަންނަ ޖީލުގެ މިލިޓަރީ ހާޑްވެއަރ އުފެއްދުމަށް ގުޅިގެން ގާބިލުކަން އިތުރު ކުރުމަކީ ދެގައުމުން ބޭނުންވ ކަމެއް ކަމަށެވެ.