އެމެރިކާއިން މަސައްކަތް ކުރަނީ ލިތިއަމް ހިމެނޭ ގޮތަށް ޔޫކްރޭނުން މަދުން ނޫނީ ނުފެންނަ މައުދަންތައް ފޭރިގަންނަން ކަމަށް ރަޝިޔާގެ ފޮރިން މިނިސްޓަރު ސާގޭ ލަވްރޯވް ތުހުމަތު ކުރައްވައިފިއެވެ.

ލަވްރޯވް ވިދާޅުވީ އެމެރިކާގެ ޑިމާންޑަކީ އެމެރިކާއިން ފޯރުކޮށްދޭ އަސްކަރީ އެހީގެ ބަދަލުގައި ޔޫކްރައިނުން އެގައުމުގެ ގުދުރަތީ މުއްސަނދި މައުދަންތައް އެމެރިކާއަށް ދިނުން ކަމަށެވެ. "ޔޫކްރައިނުގައި ލިތިއަމް ހިމެނޭ ގޮތަށް ދުނިޔޭއިން މަދުން ނޫނީ ނުފެންނަ އެތައް މައުދަނެއް އެބަހުރި. އެއީ ހަގީގަތަކީ. އެމެރިކާ ބޭނުންވަނީ އެގައުމުން ފޯރުކޮށްދޭ އަސްކަރީ އެހީގެ ބަދަލުގައި ޔޫކްރައިނުގެ މުއްސަނދިކަން" ލަވްރޯވް ވިދާޅުވިއެވެ.

ލަވްރޯވް ފާހަގަކުރެއްވި ގޮތުގައި އެމެރިކާގެ ކުންފުނިތަކުން މިހާރުވެސް ވަނީ ދަނޑުބިންތަކުގެ ބޮޑު ބައެއް ގަނެފައެވެ.

"އެމީހުން(އެމެރިކާ) ދައްކަނީ ކަޅު ކަނޑުގެ އިސްނެގުމުގެ ވާހަކަ، އެފްރިކާއަށް ކާންދޭންޖެހޭ ވާހަކަ. ފުރަތަމަ ކަމަކަށް ޔޫކްރައިނުން ދަނޑުވެރިކަމުން އުފައްދާ ތަކެތީގެ %50 އަށްވުރެ ބޮޑު ބައެއް އެކްސްޕޯޓް ކުރީ ޔޫރަޕު ގައުމުތަކަށް. އެފްރިކާއަށް ނޫން. މި ތަކެތި އެކްސްޕޯޓް ކޮށްގެން އެމެރިކާގެ ކޯޕަރޭޝަންތަކުން ފައިސާ ހޯދި،" ލަވްރޯވް ވިދާޅުވިއެވެ.

"އެމެރިކާ ބޭނުންވަނީ އަހަރެމެންގެ އަވަށްޓެރިޔާ (ޔޫކްރައިން) ގެ ބާކީ ހުރި މުއްސަނދިކަންވެސް ފޭރިގަންނަން" ލަވްރޯވް، އެމެރިކާއަށް ތުހުމަތުގެ އިނގިލި ދިމާ ކުރައްވައި ވިދާޅުވިއެވެ.