މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ މިލްކިޔާތުގައި ހުރި މުދަލަށްވުރެ ދަރަނިބޮޑުވެފައިވާ ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހެދި އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.

އޮޑޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި 2021 ވަނަ އަހަރުގެ ނިޔަލަށް ކުންފުނީގެ މިލްކިއްޔާތުގައިވާ ހަރުމުދަލުގެ އަގަކީ 961 މިލިއަން ރުފިޔާ އެވެ. އެހެނަސް ދަރަނީގެގޮތުގައި 1.9 ބިލިއަން ރުފިޔާ ހުރިކަމަށް ފާހަގަކޮށްފައިވެއެވެ. މީގެ ސަބަބުން ކުންފުނީގެ މާލީ ހާލަތު ހުރީ ރަނގަޅަށްނޫން ކަމަށް ވެސް ބުނެފައިވެއެވެ.

އެރިޕޯޓުގައި ބުނެފައިވަނީ 2016 ވަނަ އަހަރުން ފެށިގެން 2021 ގެ ނިޔަލަށް އެކުންފުނީއަށް އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބިފައިވާކަމަށެވެ.

އެރިޕޯޓުގައި ފާހަގަކޮށްފައިވާ ތަފާސްހިސާބުތައް ބުނާގޮތުން 2016 ވަނަ އަހަރު ނިމުނުއިރު މިފްކޯއަށް 178 މިލިއަން ރުފިޔާގެ ގެއްލުމެއް ވަނީ ލިބިފައެވެ. ޖެހިގެން އައި އަހަރު 55 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ. 2021 ވަނަ އަހަރު ނިމުނުއިރު އެ ކުންފުންޏަށް 260 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.