މެލޭޝިއާގެ ސަލާމަތީ ފަރާތްތަކުން ވަނީ އިޒްރޭލުގެ ޖާސޫސީ އިދާރާ މޮސާދުގެ އެޖެންޓުންގެ ޓީމެއް އަތުލައިގަނެފައެވެ. މޮސާދުންގެ އެޖެންޓުންގެ އެހީއާއެކު މެލޭޝިއާގައި ކިޑްނެޕްކުރި ފަލަސްތީނުގެ ކޮމްޕިއުޓަރ ޕްރޮގްރާމަރަކު މިނިވަން ކުރުމާ ގުޅިގެން ސަލާމަތީ ފަރާތްތަކުން ވަނީ ޚާއްސަ އޮޕަރޭޝަނެއް ހިންގާފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން ފަލަސްތީނުގެ އެކްޓިވިސްޓް ކުއަލަލަމްޕޫރުގައި ރަހީނުކޮށްފައިވަނީ ޔޫރަޕްގައި އިސްރާއީލުގެ ޖާސޫސީ އިދާރާ މޮސާދުން ހޯދައި ތަމްރީނުކޮށްފައިވާ މެލޭޝިއާގެ އެޖެންޓުންނެވެ. ޓެލް އަވީވްގައި ތިބެގެން މޮސާދުގެ އޮފިސަރުން ވީޑިއޯ ކޮންފަރެންސްގެ ޒަރީއާއިން އެ މީހާއާ ސުވާލުކޮށްފައި ވަނީ ހަމާސް އާއި އެ ޖަމާއަތުގެ ހަތިޔާރު އެޅި ގޮފި، އިއްޒުއްދީން އަލްގައްސާމް ބްރިގޭޑްސްއާ ގުޅޭ ކަންކަމާ ގުޅޭ މައުލޫމާތު ހޯދާށެވެ.

"އިސްރާއީލުން ބޭނުންވީ ކޮމްޕިއުޓަރ އެޕްލިކޭޝަން ޑިވެލޮޕްމަންޓްގެ ދާއިރާއިން އޭނާގެ ތަޖުރިބާއާއި، ސޮފްޓްވެއާ ޑިވެލޮޕްކުރުމުގައި ހަމާސްގެ ގާބިލުކަމާއި އޭނާއަށް އެނގޭ އަލްޤައްސާމް ބްރިގޭޑްގެ މެމްބަރުންގެ ނަމާއި، އެމީހުންގެ ގާބިލުކަމުގެ މައުލޫމާތު ހޯދަން،" އެ މައްސަލައިގެ މައުލޫމާތު ހުރި މަސްދަރަކާ ހަވާލާދީ ސްޓްރެއިޓްސް ޓައިމްސްގައި ބުނެފައި ވެއެވެ.

މެލޭޝިއާގެ ސަލާމަތީ ފަރާތްތަކުން ރަހީނުކުރި މީހާ މިނިވަންކުރީ އުދަގޫ އޮޕަރޭޝަނެއްގައި އޭނާ ވަގަށް ނެގިތާ 24 ގަޑިއިރު ތެރޭގައެވެ.

މެލޭޝިއާގެ މީޑިއާއިން އޮފިޝަލުންނާ ހަވާލާދީ ބުނެފައި ވަނީ ފަލަސްތީނުގެ އެކްޓިވިސްޓުން ހޯދުމަށްޓަކައި މޮސާދުން ވަނީ މަދުވެގެން މެލޭޝިއާގެ 11 މީހަކު ރެކްރޫޓްކޮށް މޮސާދުގެ ސެލްއެއް އުފައްދާފައެވެ.

އަލްޖަޒީރާ އަށް "މައުލޫމާތު ލިބިފައިވާ މެލޭޝިއާގެ މަސްދަރުތަކާ" ހަވާލާދީ ބުނެފައި ވަނީ އެއާޕޯޓްތަކާއި އެހެން ސްޓްރެޓިޖިކް މުހިންމު ތަންތަނަށް ޖާސޫސްކޮށް "ސަރުކާރުގެ އިލެކްޓްރޯނިކް ވިއުގައާއި ކުންފުނިތަކަށް" މޮސާދުގެ ސެލްގެ މެމްބަރުން ވަނުމުގައި ބައިވެރިވެފައިވާ ކަމަށް ތަހުގީގުތަކުން އެނގިފައިވާ ކަމަށެވެ. 2018 ވަނަ އަހަރުވެސް ކުއަލަލަމްޕޫރުގައި މޮސާދުން ވަނީ ފަލަސްތީނުގެ އެކަޑަމިކް ބޭފުޅެއްކަމަށްވާ ފާދީ މުހައްމަދު އަލްބަތުޝް މަރާލާފައެވެ.

ފަލަސްތީނު ޕްރޮގްރާމަރު ވަގަށް ނެގި މައްސަލަ ބޭޒާރު ވުމާ ގުޅިގެން އިޒްރޭލު މީޑިއާއިން ބުނެފައި ވަނީ އަތުލައި ގަނެވުނީ ބޭނުންވި މީހާ ނޫން ކަމަށެވެ. އަދި އެކަމުގައި އުޅުނު މީހުންގެ ތަޖުރިބާ މަދުކަމުން އޮޕަރޭޝަން އަތަށް ގޮވީ ކަމަށެވެ.

ޖެރޫސަލަމް ޕޯސްޓުން ބުނީ އިސްރާއީލުގ ސިފައިން 2021 ވަނަ އަހަރުގެ މެއި މަހު ޣައްޒާއާ ދެކޮޅަށް ކުރި ހަނގުރާމައިގައި އިއުލާން ކުރި ގޮތަށް "އިޒްރޭލުގެ ސިޔާސަތަކީ ހަމާސްގެ އެކްޓިވިސްޓުންނަށް ކޮންމެ ތަނެއްގައި ތިއްބަސް އެމީޙުންނަށް އަމާޒު ކުރުން" ކަމަށެވެ.

މެލޭޝިޔާއަކީ އިސްރާއީލާ ރަސްމީ ގުޅުމެއް ގާއިމް ކޮށްފައިވާ ގައުމެއް ނޫނެވެ. މެލޭޝިއާއަކީ ފަލަސްތީނުގެ ރައްޔިތުންނާއި އެމީހުންގެ މަސްލަހަތަށް ތާއީދުކުރާ ގައުމެކެވެ.