އދ.ގެ މެންބަރު ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެއިން ހޭދަކޮށްފައި ވަނީ ކާމިޔާބީން ފުރިފައިވާ ފަޚުރުވެރި އަހަރުތަކެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖެއިން އދ ގެ މެމްބަރަކަށްވިތާ 55 އަހަރު ފުރޭ ދުވަހުގެ މުނާސަބަތުގައި ފޮނުވި ޚާއްސަ މެސެޖެއްގައެވެ. އެ މެސެޖުގައި އެމަނިކުފާނު ވިދާޅުވި ، އދ.ގެ މެންބަރު ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ މިވަނީ ފާހަގަކޮށްލެވޭ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިކަމަށެވެ. އެގޮތުން ފާއިތުވި އަހަރުތަކުގެ ތެރޭގައި ރާއްޖެއިން ވަނީ އިޤްތިޞާދީ ރޮނގުން ބޮޑެތި ކުރިއެރުންތަކެއް ހޯދައި، ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ ފަދަ ފަތުރުވެރިކަމުގެ ސިނާޢަތެއް ޤާއިމުކޮށް ކުރިއަރުވާފައި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އދ.ގެ މެންބަރު ޤައުމެއްގެ ގޮތުގައި ލިބޭ ފުރުޞަތުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ރާއްޖެއިން އަބަދުމެ ހިފަމުންދާކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ މެންބަރެއްގެ ގޮތުގައި ރާއްޖެއިން ހޭދަކޮށްފައިވާ ދެ ދައުރަށް އަލިއަޅުއްވައިލައްވާފައެވެ. އަދި ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކަށް އޮތް ހައްލަކީ ބައިނަލްއަޤްވާމީ މައިދާނުގައި އޮތް ގުޅުންތައް އިތުރަށް ހަރުދަނާކުރުން ކަމުގައި ވެސް އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރެއްވިއެވެ.

• ދިވެހިރާއްޖެއަކީ އ.ދ.ގެ މެންބަރު ޤައުމެއްގެ ގޮތުގައި ކަނޑައެޅުމަށް އ.ދ.ގެ ސަލާމަތީ މަޖިލީހުން ނިންމާފައި ވަނީ 1965 ސެޕްޓެންބަރު މަހުގެ 20 ވަނަ ދުވަހު ފާސްކުރި އެ މަޖިލީހުގެ ރިޒޮލޫޝަން 212 ގެ ދަށުން • ދިވެހިރާއްޖެއަކީ އ.ދ.ގެ މެންބަރު ޤައުމެއްގެ ގޮތުގައި ކަނޑައެޅިގެން ދިޔައީ ރާއްޖެއަށް މިނިވަންކަން ލިބުނުތާ ދެ މަސް ފަހުން • ދިވެހިރާއްޖެއަށް ރަސްމީކޮށް އ.ދ.ގެ މެންބަރުކަން ލިބުނީ 1965 ސެޕްޓެންބަރު މަހުގެ 21 ވަނަ ދުވަހު.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، އިންޑިއާ ކަނޑުގައި އޮތް ކުޑަ އާބާދީއެއްގެ ޤައުމަކަށް، އެ ޖަމުޢިއްޔާގެ މެންބަރެއްގެ ގޮތުގައި ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލު ރައްކާތެރިކުރެވޭނެ ކަމާއިމެދު ބައިނަލްއަޤްވާމީ މުޖުތަމަޢުގައި އެއިރު ސުވާލުތަކެއް ހުރި ނަމަވެސް، އެ ޖަމުޢިއްޔާގެ މެންބަރު ޤައުމެއްގެ މަޤާމު ރާއްޖެއަށް ލިބިގެންދިއުމަކީ ދިވެހިރާއްޖެއިން އަބަދުމެ ޝުކުރުވެރިވާނެ ނިންމުމެއް ކަމުގައެވެ.

މީގެ އިތުރުން ރާއްޖެއިން އދ.ގެ މެންބަރަކަށްވިތާ 55 އަހަރު ފުރޭ މި މުނާސަބާ ފާހަގަކުރަމުން މިދަނީ އެ ޖަމުޢިއްޔާއަށް ވެސް 75 އަހަރު ފުރޭ މުނާސަބަތާއި އެކުއެކީގައިކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އެ ޖަމުޢިއްޔާގެ ޗާޓަރއަށް ރާއްޖެއިން އިޙުތިރާމުކޮށް، އެ ޗާޓަރުގައި ހިމެނޭ އަސާސްތައް ދެމެހެއްޓުމުގައި ދެމި އޮންނާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.