ޔޫރަޕްގެ ޖަމާއަތުގެ ޚާރިޖީ ސިޔާސަތު ހިންގ މަސްއޫލުވެރިއާ ޖޯސެޕް ބޮރެލް މިދިޔަ ހަފްތާގައި ދެއްކެވި ރޭސިސްޓް ނަސްލީ ތަފާތުކުރުމަށް ހިތްވަރުދޭ ވާހަކަތަކަށް ފަހު ޔޫއޭއީގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް އިންޓަނޭޝަނަލް ކޯޕަރޭޝަން އަބްދުﷲ ބިން ޒައިދު އަލް ނަހްޔާން އޭނާއަށް ނަސޭހަތްތެރިވެ ވަޑައިގެންފިއެވެ.

ފޯނުން ގުޅުއްވައި ވާހަކަ ދައްކަވަމުން ޝެއިޚު ޢަބްދުﷲ ވަނީ ކެތްތެރިކަން އިސްކުރުމާއި ކަންކަން ތަޙައްމަލުކުރުމާއި، ތަފާތު ޚިޔާލުތަކަށް މަރުޙަބާ ކިޔުމާއި އަނެކާއަށް އިޙްތިރާމު ކުރުމާއި، ސުލްޙަވެރިކަމާއެކު އެއްކޮށް ދިރިއުޅެވޭނެ ގޮތްތައް ކަށަވަރުކުރުމުގެ އިންސާނީ އަގުތައް ކުރިއެރުވުމުގެ މުހިންމުކަމާ ބެހޭގޮތުން ބޮރެލްއަށް ނަސޭހަތްތެރިވެ ވަޑައިގެންފައެވެ.

އޭގެ އިތުރުން ދެފަރާތުގެ ގުޅުމާއި ދުނިޔޭގެ މަސްރަހާއި ބެހޭ ގޮތުން ވެސް މަޝްވަރާ ކުރެއްވިއެވެ.

މިދިޔަ ހަފްތާގައި ބޮރެލް ވިދާޅުވެފައި ވަނީ ޔޫރަޕްގެ ވިލާތު އިއްތިޙާދުން ބޭރުގެ ސަރަހައްދަކީ ވިލާތަށް އަތްގަދަ ކުރާން ތައްޔާރަށް އޮތް ޖަންގައްޔެއް ކަމަށެވެ.

"އެއީ ވިލާތު އިއްތިހާދަށް އަރައިގަންނަން ތައްޔާރަށް އޮތް ޖަންގަލީއެއް" ޔޫރަޕްގެ އިއްތިހާދަކީ ރީތި ބަގީޗާއެއް ކަމަށް ސިފަކުރައްވަމުން ބޮރެލް ވިދާޅުވިއެވެ.

ބޮރެލްގެ މި ރޭސިސްޓް ނަސްލީ ތަފާތު ކުރުމުގެ ވާހަކަތަކާ ގުޅިގެން 17 އޮކްޓޯބަރުގައި ޔޫއޭއީގެ ޚާރިޖީ ވުޒާރާއިން ވަނީ އެގައުމުގައި ހުންނަވާ އީޔޫގެ ވަފުދުގެ އެކްޓިން ހެޑް ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށް، ބޮރެލް ދެއްކެވި ނަސްލީ އަދި އިސްތިއުމާރީ ވާހަކަތަކުގެ ތަފްސީލެއް ދެއްވުމަށް އެދިވަޑައިގެންފަ އެވެ.

އަދި އެކުވެރި އަރަބި އެމިރޭޓްސްގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އެންޑް އިންޓަނޭޝަނަލް ކޯޕަރޭޝަނުން ވަނީ ބޮރެލްގެ ވާހަކަތަކަކީ ނަސްލީ ތަފާތުކުރުމުގެ ވާހަކަތަކެއް ކަމަށް ސިފަކޮށް، އެއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންޓޮލަރެންސް އާއި ނަސްލީ ތަފާތުކުރުމުގެ ގޯސްވަމުންދާ މާހައުލު މެދުވެރި ކޮށްދިނުމަށް ބާރުއަޅާ ސަބަބެއް ކަމަށް ވިދާޅުވެފައެވެ.

ޔޫރަޕްގެ ފަރާތްތަކުންވެސް ވަނީ ބޮރެލްގެ ވާހަކަތަކަކީ އިސްތިއުމާރީ ނާތަހުޒީބު ވާހަކަތަކެއް ކަމަށް ސިފަ ކޮށްފައެވެ. އަދި އެއީ ގިނަ ދުވަސްތަކެއް ވަންދެން ޒަމާނުއްސުރެ ދުނިޔޭގެ މައްޗަށް އޮތް ޔޫރަޕްގެ ބާރުވެރިކަމާ މެދު ހަރުލާފައިވާ ވިސްނުންތަކެއް ދައްކުވައިދޭ ވާހަކަތަކެއް ކަމަށެވެ. އަދި ދުނިޔޭގެ ދެކުނު ބިތަށް އިސްތިއުމާރުކޮށް އެ ހިސާބުގެ ގައުމުތަކުގެ ހަރަދުގައި ހުޅަނގުގެ ގައުމުތަކަށް ތަރައްގީވުމަށް ފުރުސަތު ލިބުނު އިސްތިއުމާރީ ދިގު ތާރީޚުވެސް ހެކިދޭ ވާހަކަތަކެއް ކަމަށެވެ.

ބޮރެލްއަށް ރައްދު ދެއްވަމުން ގަތަރުގެ ސްޓޭޓް މިނިސްޓަރު ހަމަދު އަލް ކަވާރީ ވިދާޅުވީ "އިސްތިއުމާރީ ކަންކަމަށް ޝައުގުވެރިވުން ބޯހިއްލާލަނީ ނަގޫސޭސަރެއްހެން" ކަމަށެވެ.

17 އޮކްޓޯބަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބޮރެލް ވަނީ އޭނާގެ މެސެޖަކީ ނަސްލީ ނުވަތަ އިސްތިއުމާރީ މެސެޖެއް ނޫންކަމަށް ވިދާޅުވެފައެވެ.