އިނގިރޭސިވިލާތުގައި ހުންނަވާ އެންމެ އިސް އެއް ޑިޕްލޮމެޓަކު ވަނީ މެންޗެސްޓާ ކޮންސިއުލޭޓު ކައިރީގައި މުޒާހަރާ ކުރި މީހުންނާ ދެކޮޅަށް ހިންގި އަނިޔާވެރިކަމުގައި ބައިވެރިވެ ވަޑައިގެންފައި ކަމަށް އިނގިރޭސިވިލާތުގެ އެމްޕީން ތުހުމަތު ކުރައްވައިފިއެވެ.

"އަޅުގަނޑުމެންނަށް ފެނުނު އެއްޗަކީ ޗައިނާގެ ކޮންސުލް ޖެނެރަލް ޕޯސްޓަރުތައް ފަޅާލައި ސުލްހަވެރިއެއްވުމާ ދެކޮޅަށް އުޅުއްވިތަން" އެމްޕީ އެލިޝިއާ ކެއާންސް ހައުސް އޮފް ކޮމަންސްގައި މެމްބަރުންނާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.

މެންޗެސްޓާ ޕޮލިހުން ނެރުނު ބަޔާނެއްގައިވާ ގޮތުން ގާތްގަނޑަކަށް 30 އާއި 40 އާ ދެމެދުގެ އަދަދަކަށް މީހުން ކޮންސިއުލޭޓްގެ ބޭރަށް ޖަމާވެ މުޒާހަރާ ކުރިއެވެ.

އެދުވަހުގެ ހަވީރު ހަތަރެއް ޖެހިތަނާ ކުޑަ ގްރޫޕެއްގެ ބަޔަކު ޗައިނާ ކޮންސިއުލޭޓުން ނުކުމެ މުޒާހަރާގެ ބައިވެރިއަކު ކޮންސިއުލޭޓް ގޯތިތެރެއަށް ދަމާފައި ގެންގޮސް އަނިޔާކުރިކަމަށް ވެއެވެ. މެންޗެސްޓާ ފުލުހުން ކޮންސިއުލޭޓް ތެރެއަށް ވަދެފައެއް ނުވެއެވެ.

މެންޗެސްޓާގެ އެސަރަހައްދުގެ އެމްޕީ ލޭބަރ ޕާޓީގެ އަފްޒަލް ޚާން ވޮދާޅުވީ މިއީ ނުތަނަވަސްވާން ޖެހޭ މައްސަލައެއް ކަމަށެވެ.

މެންޗެސްޓާގައި ހުންނަވާ ޗައިނާގެ ކޮންސުލް ޖެނެރަލް ޒެންގް ޒިޔުއާން މީހުންނަށް އަނިޔާ ކުރުމުގައި ބައިވެރިވި ކަމަށް ބުނާ މައްސަލައާ ގުޅޭ ގޮތުން ޗައިނާއިން އެއްޗެއް ބުނެފައެއް ނުވެ އެވެ. އެކަމަކު ބެއިޖިންގައި ހުންނަ ފޮރިން މިނިސްޓްރީން ވަނީ ކޮންސިއުލޭޓުގެ މުވައްޒަފުންގެ އަމަލުތައް ދިފާއުކޮށްފަ އެވެ.

ޒިޔުއާންއަކީ ކޮމިއުނިސްޓް ޕާޓީގެ ސީނިއާ މެމްބަރެކެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވަންގް ވެންބިން ވިދާޅުވީ ޗައިނާ ކޮންސުލްގެ ގޯތިތެރެއަށް މީހުން "ގަވާއިދާ ހިލާފަށް ވަދެފައިވާ" ކަމަށާއި ކޮންމެ ގައުމެއްގައިވެސް ޑިޕްލޮމެޓުން ވެސް އެމީހުންގެ ތަންތަން ހިމާޔަތް ކުރުމަށް "އަޅަންޖެހޭ ފިޔަވަޅުތައް" އަޅާނެ ކަމަށެވެ.

ޔޫކޭ ފޮރިން މިނިސްޓްރީން ވަނީ ޗައިނާ އެމްބަސީގެ އިސްމަސްއޫލުވެރިއަކު ފޮރިން އޮފީހަށް ހާޒިރުކޮށް އެކަން ހިގި ގޮތާ ބެހޭ މައުލޫމާތު ހޯދާފައެވެ. އަދި މައްސަލަ ތަހުގީޣު ކުރަމުންދާތީ އެއްޗެއް ބުނަން ބޭޏުން ނޫން ކަމަށްވެސް އެފަރާތުން ބުނެފައި ވެއެވެ.