އިންޑިއާ އަކީ އދ.ގެ ޕާޓްނަރ އޮފް ޗޮއިސްއެއް ކަމުގައި ފާހަގަކުރައްވަމުން އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވިދާޅުވީ ނިއުދިއްލީން ބައިނަލްއަގްވާމީ މައިދާންގައި އިންޑިއާގެ ހަރަކާތްތައް އިތުރުވެ މަގްބޫލުވެފައި ވަނީ އަވަށްޓެރި ގައުމުތަކަށް ކޮވިޑްގެ ތެރޭގައި ބޭހާއި ސާމާނާއި ވެކްސިން ހަދިޔާކުރުމުގެ ސަބަބުން ކަމަށެވެ.

އިންޑިއަން އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އައިއައިޓީ) ބޮމްބޭގައި ކިޔަވަމުންދާ ދަރިވަރުންނާ މުހާތަބު ކުރައްވަމުން ގުޓަރެސް ވިދާޅުވީ، ކޮވިޑް-19ގެ އެންމެ އުދަގު ދަނޑިވަޅުގައި ބޭހާއި ސިއްޙީ ސާމާނާއި ވެކްސިން ހަދިޔާ ކުރުމުން އަދި އެއަށްފަހު، އަފްޣާނިސްތާނާއި ލަންކާއަށް ދޭ އިންސާނީ އެހީތެރިކަމާއި ތަރައްގީގެ ފައިނޭންސްގެ ސަބަބުން، އިންޑިއާއާ މެދު ބައިނަލްއަގްވާމީ މަސްރަހުގައި ދެކޭ ގޮތް މިއަދު ބަދަލު ވެގެން ގޮސްފައިވާ ކަމަށެވެ. އަދި މިއަދު އންޑިއާއަކީ އދން ބޭނުންވާ ކަހަލަ ބައިވެރިއެއްގެ ހައިސިއްޔަތު ހޯދާފައިވާ ގައުމެއް ކަމުގައި ގުޓަރޭސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިންޑިއާގެ ކޯވިން ޕްރޮގްރާމަކީ އެންމެ ގިނައިން ވެކްސިންފޯރުވައިދޭ އެފަދަ އެކަނި ޕްރޮގްރާމު ކަމަށެވެ. އަދި ކޯ ވެކްސިންއިން ދެ ބިލިއަން ވެކްސިން ފޯރުވައި ދީފައިވާ ކަމަށެވެ. އަދި އިންޑިއާއަކީ ދުނިޔޭގެ ދެކުނު ބިތުގައި އެ ސަރަހައްދުގެ ގައުމުތަކަށް އދއާ ގުޅިގެން އެހީދޭ ހަމައެކަނި ގައުމު ކަމަށެވެ.

އޭނާ ވިދާޅުވީ 1948 ވަނަ އަހަރުން ފެށިގެން 200،000 އަށް ވުރެ ގިނަ އިންޑިއާގެ އަންހެނުންނާއި ފިރިހެނުން ވަނީ އދގެ 49 ސުލްހަ ބެލެހެއްޓުމުގެ މިޝަންތަކުގައި ހިދުމަތް ކޮށްފައެވެ.