ވާދަވެރި ދެގައުމުގެ ކަޝްމީރުގެ ދެފަޅީގެ އިންތިޚާބުން ގިނަ ކަންތައްތަކެއް ހާމަވެގެން ހިނގައްޖެއެވެ. އިންޑިއާއިން އިންތިޚާބު މެނޭޖްކޮށް، ސަލާމަތީ ފިޔަވަޅު ވަރުގަދަކޮށްފައި ދެއްކި އިރު ޕާކިސްތާން ފަޅީގައި ފެނުގެން ދިޔައީ ސިޔާސީ ހަމަނުޖެހުމާއެކު ވޯޓް ލީ ދުވަހުވެސް ހަތިޔާރު އެޅި ހަމަލާތަކެވެ.
އިންޑިއާ އިން ޖައްމޫ ކަޝްމީރުގައި އިންތިޚާބު ބާއްވާފައިވަނީ މދިޔަ ހަފްތާގައެވެ. އިންޑިއާއިން ބޭއްވި އިންތިޚާބަކީ ރަށްފުށުގެ އަވަށްތަކުގެ މަސްއޫލު މަގާމުތަކަށް މީހުން ހޮވުމަށް ބޭއްވި، ލޯކަލް ޑޮވެލޮޕްމެންޓް ކައުންސިލް ގެ އިންތިޚާބުތަކެވެ.
ޕާކިސްތާނުން ބަލަހައްޓާ ކަޝްމީރުގެ ސަރަހައްދުގެ ގިލްގިޓް ބޯލްޓިސްތާންގައި އިންތިޚާބު ބޭއްވީ ނޮވެމްބަރު 15 ގައެވެ. ޕާކިސްތާންގެ ކަޝްމީރުގެ އެއް ބަޔަކީ ގިލްގިޓްބޯލްޓިސްތާންއެވެ.
ޕާކިސްތާންގެ ވެރިކަން ކުރާ ތަހްރީކޭ އިންސާފް ޕާޓީ (ޕީޓީއައި) އިން ކާމިޔާބު ކުރި އިންތިޚާބަކީ އޮގަސްޓް މަހު ބޭއްވުމަށް ހަމަޖައްސާފައި އޮތް އިންތިޚާބެކެވެ. ނަމަވެސް ގިލްގިޓް ސަރަހައްދުގެ ސިޔާސީ ހަމަނުޖެހުންތަކާއި ހެދި މަރުކަޒީ ސަރުކާރުން އިންތިޚާބު ލަސްކުރީއެވެ.
ޕާކިސްތާންގެ ސަރުކާރާ އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި ސަރުކާރުން ގަސްތުގައި ގިލްގިޓްގެ އިންތިޚާބު ލަސް ކުރީ ބޭނުމެއްގައެވެ. އެއީ، ފިނި ގަދަ ވުމާއި ދުރު ހިސާބުތަކަށް ގަނޑުފެން ފޭބުމުގެ ސަބަބުން އެހިސާބުތަކުން މީހުންނަށް ވޯޓްލާން ނާދެވޭ ގޮތް މެދުވެރި ކުރުމުގެ ނިޔަތުގައި ކޮށްފައިވާ ކަމެއް ކަމަށް އެމީހުން ތުހުމަތު ކުރެއެވެ.
ޕާކިސްތާން ސަރުކާރުން ގިލްގިޓްގެ އިންތިޚާބު ލަސްކުރީ ވޯޓްލާ މީހުންގެ ލިސްޓް ފުރިހަމަ ވެފައި ނުވާކަމަށް ބުނެއެވެ.
އިންޑިއާއިން ޖައްމޫ ކަޝްމީރުގައި ބާއްވާފައިވާ އިންތިޚާބުގައި 51 ޕަސެންޓަށް ވުރެން ގިނަ މީހުން ވޯޓްލާން ނިކުތެވެ. ޖައްމޫ ކަޝްމީރުގެ އެންމެ ހަމަނުޖެހުން ބޮޑު ޓެރަރިސްޓް ހަމަލާތައް ގިނަ ދެކުނު ކަޝްމީރުން މިފަހަރު ވޯޓްލާން ނިކުތް މީހުންގެ އަދަދު މާގިނަ ކަން ފާހަގަ ވެއެވެ.
ގިލްގިތް ސަރަހައްދުގައި ވޯޓް ލާން ނިކުމެފައި ވަނީ 50 އިންސައްތަ އެވެ. ވޯޓު ލީ ހަފްތާއާއި ވޯޓް ލީ ދުވަހުވެސް ހަމަނުޖެހުން ބޮޑެވެ. މީހުން ދިޔައީ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުންނެވެ. ހަފްތާއެއް ވަންދެން އިދިކޮޅު ޕާޓީތަކުން މުޒާހަރާ ކުރުމަށްފަހު، ގިލްގިޓްގެ އިންތިޚާބުގެ ނަތީޖާ ބަލައިނުގަތުމަށް އިދިކޮޅު ފަރާތްތަކުން ވާހަކަ ދައްކައި އިންޒާރު ދިނެވެ.
މިއާ ޚިލާފަށް އިންޑިއާއިން ކަޝްމީރުގައި ބޭއްވި އިންތިޚާބުގެ ކަންކަން ގޮސްފައި ވަނީ އޮމާން ކަމާއެކު ކަން މީޑިއާ ރިޕޯޓްތަކުން ފާހަގަ ވެއެވެ.
ޖައްމޫ ކަޝްމީރުގެ ޑިސްޓްރިކްޓް ކައުންސިލްތަކުގެ އިންތިޚާބުގައި އެންމެ ފާހަގަވާކަމަކަށް ފެނިގެން ދިޔައީ އުމުރުން 120 އަހަރުގެ އަންހެނަކު އޭނާގެ މާމަ ދަރިފުޅުގެ ބުރަކަށި މަތީގައި ވޯޓްލާން ނިކުތް މަންޒަރެވެ. މިކަމުން އިންޑިއާ، ދުނިޔެއަށް ދެއްކީ ކަޝްމީރު މީހުން ވޯޓްލާން ޝައުގުވެރިވެ އިންތިޚާބުގައި ބައިވެރިވާން ބޭނުންވީ ކަމެވެ. އުމުރުން 120 އަހަރުގެ މިމީހާ ވޯޓްލާން ނިކުތީ ގަދަ ފިނީގައެވެ.
ގިލްގިޓް ސަރަހައްދުގެ އިންތިޚާބުގައި ފާހަގަ ވެގެން ދިޔަ އަނެއް ކަމަކީ، ވޯޓްލާ މަރުކަޒުތަކަށް ވޯޓްލީ ދުވަހު، ހަތިޔާރު އަޅައިގެން ވަދެ ވޯޓް ފޮށިތައް ގަޑުބަޑުކޮށްލި ކަމެވެ.
ގިލްގިޓްއަކީ އާދަވެގެން މަރުކަޒީ ސަރުކާރުގައި ވެރިކަމުގައި އޮންނަ ޕާޓީއަކަށް ތާއީދުކުރާ ސަރަހައްދެކެވެ. މިކަން މިދިޔަ އިންތިޚާބު ތަކުން ފެނިގެން ގޮސްފައި ވެއެވެ.
ގިލްގިޓް މުހިންމު ވާ ސަބަބަކީ ޗައިނާ ޕާކިސްތާންގެ އިކޮނޮމިކް ކޮރިޑޯ ސީޕެކްގެ ބޮޑު ސަރަހައްދެއް ގިލްގިޓް ބޯލްޓިސްތާންގެ ތެރެއިން ލައިގެން ދިއުމެވެ. މި ސަރަހައްދަކީ އިންޑިއާއާއި ޕާކިސްތާނާއި ޗައިނާއާއި މެދުތެރެ އޭޝިއާގެ ސަރަހައްދީ މެދުގެ ޖަންކްޝަނެއްގެ ގޮތުގައި އޮންނަ ހުރިހައި ތަނެއް ގުޅުވައިދޭ ސަރަހައްދެވެ.
އިމްރާން ޚާންގެ ސަރުކާރަކީ ގިލްގިޓް ސަރަހައްދުގެ މީހުން ޝައްކުގެ ނަޒަރަކުން ދެކޭ ސަރުކާރެކެވެ. ރައްޔިތުންގެ ރުހުމާ ޚިލާފަށް ޕީޓީއައި އިން ދަނީ ގިލްގިޓް ބޯލްޓިސްތާން ޕާކިސްތާންގެ ފަސްވަނަ ޕްރޮވިންސަށް ހެދުމަށް މަސައްކަތް ކުރަމުންނެވެ. ޕީޓީއައި އަށް ގިލްގިލޓްގެ ގްރާސްރޫޓްގައި ތާއީދު ކުޑަކަންވެސް ފާހަގަ ވެއެވެ. އެކަމަކުވެސް ގިލްގިޓްގެ ވޯޓްގައި ގިނަ ގޮނޑި ހޯދައިފައި ވަނީ ޕީޓީއައި އިންނެވެ.
ޕީޓީއައި އަށް ލިބުނީ ދިހަ ގޮނޑިއެވެ. އަދި މީހުންގެ ސަޕޯޓް ގިނަކަމަށް ފެނިގެން ދިޔަ މަރްޔަމް ނަވާޒް ތަމްސީލު ކުރެއްވި ޕާކިސްތާން މުސްލިމް ލީގް (ނ)އަށް ލިބުނީ ދެ ގޮނޑިއެވެ. އައި ޕީޕަލްސް ޕާޓީއަށް ލިބުނީ ތިން ގޮނޑިއެވެ.
ކަޝްމީރުގެ ދެފަޅީގައި ދެ ގައުމުން އިންތިޒާމު ކުރި އިންތިޚާބުން ފެނިގެން ދިޔައީ ޕޮލިޓިކްސް މެނޭޖް ކުރުމުގެ ހުނަރެވެ. ހަމައެއާއެކު ރާވާލައިގެން މީޑިއާ މެނޭޖްކޮށް ރަނގަޅު ސޫރައެއް ދެއްކުމުގެ އުކުޅެވެ.