މިހާރު ކުރިއަށްދާ ރެޒޯޓް ފުޓްސަލް ލީގުގެ ބ. އަތޮޅު ޒޯނުގެ ފައިނަލުގައި ފޯސީޒަން ލަނޑާ ގިރާވަރު 6-4 އިން ބަލިކޮށް ނޮޓިލަސް މޯލްޑިވްސްއިން ޗެމްޕިއަންކަން ހޯދައިފިއެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރިހަމަ ހަމަވިއިރު ދެޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ކަނޑައަން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ. މި މެޗުގައި ފުރަތަމަ ދެލަނޑު ޖަހައި ލީޑް ނެގީވެސް ނޮޓިލަސްއިންނެވެ. މިދެލަނޑުވެސް ޖެހީ ދެވަނަ ހާފުގައެވެ. އެކަމަކު މޮޅު ކުޅުމެއް ދައްކައި ދެވަނަ ހާފް ނިމުމުގެ ކުރިން ފޯސީޒަން ލަނޑާ ގިރާވަރުން އެއްވަރު ކުރީއެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފައިނަލުގައި ނޮޓިލަސްގެ ދެލަނޑުވެސް ކާމިޔާބު ކޮށްދިން އަޙްމަދު ސަބާހެވެ. މީގެ އިތުރުން ބ.ޒޯނުގެ ރަންބޫޓްވެސް ހޯދީ ސަބާހްއެވެ. މިޒޯނުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ނޮޓިލަސްގެ އިސްމާޢީލް އިބްރާހީމް (އިސްމަ) އެވެ.

ނޮޓިލަސް މޯލްޑިވްސްގެ އަހްމަދު ސަބާހް. ފޮޓޯ: ރެޒޯޓް ލީގް

މި ޒޯނުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ފޯ ސީޒަންސްގެ އަޙްމަދު އަފްނާނާއި، ޝުއުބާން އަބްދުއްރަޝީދާއި، މުޙައްމަދު އަޒީމުގެ އިތުރުން ނޮޓިލަސްގެ އަބްދުލް ކަރީމް އަޙްމަދާއި ހަސަން ހަމީދެވެ.