އިނގިރޭސި ޕްރިމިއަރ ލީގުގައި އިއްޔެ ރޭ އަމިއްލަ ދަނޑުގައި ޓޮޓެންހަމް އަތުން 2-0 އިން މެންޗެސްޓަރ ޔުނައިޓެޑް މޮޅުވި މެޗުގައި، މެޗް ނިމުމުގެ ކުރިން ބެންޗް ދޫކޮށް ދިޔަ މައްސަލައިގައި އަދަބެއްގެ ގޮތުން މަޝްހޫރު ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ސްކޮޑުން ބާކީ ކޮށްފިއެވެ.

ރޮނާލްޑޯ ސްކޮޑުން ބާކީ ކުރީ ކުރިއަށް އޮތް ޗެލްސީ މެޗާ ހަމައަށެވެ. ޗެލްސީއާ ދެކޮޅަށް ޔުނައިޓެޑް ނިކުންނާނީ ކުރިއަށް އޮތް ހޮނިހިރު ދުވަހުގެ ރޭ ރާއްޖޭ ގަޑިން 21:30 ގައެވެ.

ރޭގެ މެޗަކީ މެޗް ނިމުމުގެ ކުރިން ރޮނާލްޑޯ މިސީޒަނުގައި ބެންޗް ދޫކޮށް ދިޔަ ދެވަނަ މެޗެވެ. މީޑިޔާ ރިޕޯޓުތައް ބުނާ ގޮތުގައި ރޮނާލްޑޯއާ ދެކޮޅަށް ކޯޗް އެރިކް ޓެންހާގް މިއެޅި ފިޔަވަޅަށް ޔުނައިޓެޑުގެ ބޯޑް މެމްބަރުންގެ ފުރިހަމަ ތާއީދު އެބައޮތެވެ. ތަފާސް ހިސާބުތަކަށް ބަލާއިރު ރޮނާލްޑޯ ނުލައި ކުޅެގެން ޔުނައިޓެޑް ކުޅެފައިވާ މެޗުތަކުގެ މޮޅުވި އިންސައްތަ މައްޗެވެ.

ރޭގެ މެޗަށްފަހު ޓެންހާގް ވަނީ ރޮނާލްޑޯއަކީ ޔުނައިޓެޑަށް މާމުހިއްމު ކުޅުންތެރިއެއް ނޫން ކަމަށް ދެހަވާ ގޮތަށް ވާހަކަ ދައްކާފައެވެ. ޓެންހާގް ބުނީ ޓޮޓެންހަމް ކަހަލަ އޮގަނައިޒްޑް ޓީމާކާ ދެކޮޅަށް ބޭނުން ވަނީ ޕްރެސް ކޮށްގެން ކުޅެވޭނެ ކުޅުންތެރިން ކަމަށެވެ. "ރަޝްފޯޑާއެކު މާބޮޑަށް އަހަރެމެންނަށް ފުރުސަތުތައް ތަނަވަސް ކުރެވޭކަމަށް އަހަންނަށް ފެންނަނީ. އަދި އެހެން ކުޅުންތެރިންގެ ކުޅުންވެސް ރަނގަޅު ވެގެންދޭ ރަޝްފޯޑުގެ ސަބަބުން" ޓީމުގެ އެންމެ ކުރިއަށް ރޮނާލްޑޯގެ ބަދަލުގައި ކަމުދަނީ ރަޝްފޯޑް ކަމަށް ދޭހަވާ ގޮތަށް ޓެންހާގް ބުންޏެވެ.