ނެދަލޭންޑްސް ގައުމީ ޓީމާއި މެންޗެސްޓަރ ޔުނައިޓެޑުގެ ކުރީގެ މަޝްހޫރު ފޯވާޑް ވޭން ނިސްޓެލްރޫއީގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ޕީއެސްވީ 1-0 އިން ބަލިކޮށް އާސެނަލްއިން ޔުރޮޕާ ލީގުގެ ދެވަނަ ބުރުގެ ޖާގަ މިރޭ ޔަގީން ކޮށްފިއެވެ.
އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، 70 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ސްވިޓްޒަލޭންޑް ގައުމީ ޓީމުގެ ކެޕްޓަން ގްރަނިތު ޝާކާއެވެ. އޭގެ ކުރިން ފުރަތަމަ ހާފުގައި އާސެނަލްއަށް ލީޑް ނަގާނެ ރަނުގެ ފުރުސަތުތައް ލިބި ފޯވާޑް ގެބްރިއަލް ޖިސޫސް އާއި ޝަކާއަށް ލިބި ބޭކާރުވިއެވެ. ދެވަނަ ހާފުގައި އާސެނަލްގެ މާޓެނީލް އާއި ސަކާ ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ ޕީއެސްވީގެ ކީޕަރު ބެނީޓޭޒްއެވެ.
މިމޮޅާއެކު އާސެނަލް ދެވަނަ ބުރުގެ ޖާގަ ޔަގީން ކުރީ މިހާތަނަށް ކުޅުނު 4 މެޗްވެސް ކާމިޔާބުކޮށް 12 ޕޮއިންޓާއެކުއެވެ. އާސެނަލް އަތުން ބަލިވިނަމަވެސް ދެވަނަ ބުރުން ޖާގަ ހޯދުމުގެ އަމިއްލަ ބާރު ޕީއެސްވީއަށް އެބައޮތެވެ. ގްރޫޕުގެ ދެވަނައިގައި ޕީއެސްވީ އޮތީ 7 ޕޮއިންޓާއެކުއެވެ. އެޓީމާއެކު ދެވަނަ ބުރުގެ ޖާގައަކަށް ވާދަކުރަނީ 4 ޕޮއިންޓާއެކު 3 ވަނައިގައި އޮތް ނޯވޭގެ ބޯޑޯއެވެ.
އާސެނަލް އާއި ޕީއެސްވީ މިރޭ ބައްދަލު ކުރި މެޗް އެންމެ ބޮޑަށް ހާއްސަވީ ޕީއެސްވީއަށް އިރުޝާދުދޭން ހުރީ ނިސްޓެލްރޫއީއަށް ވުމުންނެވެ. ނިސްޓެލްރޫއީ ވަނީ އޭނާ މެންޗެސްޓަރ ޔުނައިޓެޑަށް ކުޅުނު ދުވަސްވަރު 12 ފަހަރެއްގެ މަތިން އާސެނަލްއާ ދެކޮޅަށް ކުޅެފައެވެ. އެކަމަކު މިބާރަ މެޗުގައި އޭނާއަށް އާސެނަލް ކޮޅަށް ޖެހުނީ އެންމެ 2 ލަނޑެވެ. މިއަދަދަށް މެޗް ކުޅެ އެންމެ މަދުން އޭނާއަށް ލަނޑު ޖެހިފައި ވަނީ އާސެނަލްއާ ދެކޮޅަށްކަން ފާހަގަ ކޮށްލެވެއެވެ.