ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ކޮންގްރެސްއާ ދިމާކޮށް ބެއިޖިންގގެ ބްރިޖެއްގައި ބެނާތަކެއް ހަރުކޮށް ސަރުކާރާ ދެކޮޅަށް ނިކުތް މީހަކު ގެއްލިއްޖެ އެވެ. އޮސްޓްރޭލިއާ ނިއުސްއިން ރިޕޯޓް ކުރިގޮތުގައި އެމީހާ އަށް "ސިއްރު އަނިޔާ" ނުވަތަ މަރުގެ އަދަބާ ކުރިމަތިލާން ޖެހިފައި ވެއެވެ.

ޗައިނާގެ ރައީސަށް ގާނޫނުއަސާސީ ބަދަލުކޮށް ތާރީހީ ތިންވަނަ ދައުރަކަށް ހޮވުމަށް ބާއްވާ ކޮމިއުނިސްޓް ޕާޓީގެ 20 ވަނަ ކޮންގްރެސް ފެށުމުގެ ކުޑަ ދުވަސްކޮޅެއ ްކުރިން މިމީހާ ވަނީ ސަރުކާރާ ދެކޮޅުވެރި ޝިއާރުތައް ލިޔެފައިވާ ބެނާތަކެއް އާންމު ކޮށްފައެވެ.

އޭނާގެ ނަމަކަށް ބުނެފައި ވަނީ އެކްޓިވިސްޓް ޕެންގް ލީފާ އެވެ. އޭނާގެ އަމަލުތަކުން ބެއިޖިންގެ ރައްޔިތުން ސިއްސުވާލި އެވެ.

ޕެންގ ވަނީ ހެލްމެޓެއް އަޅައިގެން ކޮންސްޓްރަކްޝަން މަސައްކަތްތެރިއެއްގެ ގޮތުގައި ހެދިގެން ބެއިޖިންގގެ ސިޓޮންގް ބްރިޖަށް ގޮސް އެތާގައި މީހުންގެ ސމާލުކަން ހޯދުމަށް އަލިފާން ރޯކޮށް ދުން އަރުވައި ދެ ބެނާއެއް އެތާގައި ތަޅުވައި އަޑުގަދަ ކުރާއިން ދެކޮޅު ޝިއާރުތައް ގޮވާފައެވެ.

އެ ބެނާތަކުގައި ބޮޑުކޮށް ރަތް އަކުރުތަކުން ލިޔެފައި ވަނީ ޝީ އަކީ ހުދުމުހުތާރު ވެރިއެއް ކަމަށާއި ރައްޔިތުން އަޅުވެތި ވެފައިވާ ކަމަށެވެ.

ފުލުހުން ވަނީ އުމުރުން 40 އަހަރުގެ ޕެންގ ވަގުތުން ހައްޔަރުކޮށް ބެނާތައް ނަގާފައެވެ. ރިޕޯޓްތައް ބުނާ ގޮތުން އޭނާއަކީ މެޑިކަލް ޑޮކްޓަރެކެވެ.

ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ސެންސަރުތަކުން އޭނާއާއަށް ތާއިދުކޮށް ލިޔުނު ގިނަ މެސެޖްތައް ވަގުތުން ޑިލީޓް ކުރިއެވެ.