އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ފުލަމް އަތުން 3-0 އިން ބަލިވެ ތާވަލުގެ 17 ވަަނައަށް ވެއްޓުމާއެކު އެސްޓަންވިލާއިން ކޯޗް ސްޓީވެން ޖެރާޑް މަގާމުން ވަކި ކޮށްފިއެވެ.

އިނގިރޭސި ގައުމީ ޓީމާއި ލިވަޕޫލްގެ ކެޕްޓަންކަން ކުރިން ކުރި މަޝްހޫރު މިޑްފީލްޑަރު ޖެރާޑް، އެސްޓަންވިލާގެ ކޯޗް ކަމަށް ހަމަޖެއްސީ މީގެ 11 މަސް ކުރިންނެވެ. ޖެރާޑުގެ އިރުޝާދުގެ ދަށުން އެސްޓަންވިލާއިން ކުޅުނު 40 މެޗުގެ ތެރެއިން މޮޅުވެވުނީ އެންމެ 13 މެޗުންނެވެ. 19 މެޗުންވީ ބައްޔެވެ.

އެސްޓަންވިލާއިން ޖެރާޑް މަގާމުން ވަކިކުރީ ފުލަމް އަތުން ބަލިވިތާ ގަޑިއެއްހައިއިރު ފަހުންނެވެ. "މިކްލަބަށް ޖެރާޑް ކޮށްދިން މަަސައްކަތްތަކަށް އޭނާއަށް ޝުކުރު އަދާކުރަން. މުސްތަގުބަލުގައި ޖެރާޑަށް ކާމިޔާބީއަށްވެސް މިކްލަބުން އެދެން" އެސްޓަންވިލާގެ ސްޕޯކްސް ޕާސަން ބީބީސީއަށް ދިން ބަސްދީގަތުމެއްގައި ބުންޏެވެ.

ޖެރާޑް ކޯޗިން ކެރިޔަރ ފެށީ ސްކޮޓްލޭންޑުގެ ރޭންޖާސްއިން 2018 ގައެވެ. ދިހަ އަހަރަށްފަހު ރޭންޖާސްއަށް ފުރަތަމަ ފަހަރަށް ސްކޮޓްލޭންޑުގެ ލީގް ޗެމްޕިއަންކަން އެއްވެސް މެޗަކުން ބަލިވެ 2020/21 ސީޒަނުގައި ޖެރާޑް ހޯދައި ދިނެވެ. މިއާއެކު ޖެރާޑަކީ ފަހުގެ ތާރިހެއްގައި އިނގިރޭސި ވިލާތުން އުފެދޭނެ އެންމެ ވަރުގަދަ އެއްކޯޗަށް ވެގެންދާނެ ކަަމަށް ބެލެވުނެވެ.

މިސީޒަނުގައި އެސްޓަންވިލާއިން ލީގުގައި 11 މެޗް ކުޅުނުއިރު މޮޅުވެވުނީ އެންމެ 2 މެޗުންނެވެ. ތާވަލުގެ 17 ވަނައިގައި އެސްޓަންވިލާ އޮތީ 9 ޕޮއިންޓާއެކުއެވެ. ތާވަލުގެ 18 ވަނައިގައި (ރެލިގޭޝަން ޒޯނުގައި) އޮތް ވޮލްވުސްއަށްވެސް ވަނީ 9 ޕޮއިންޓް ލިބިފައެވެ. އެސްޓަންވިލާ ރެލިގޭޝަން ޒޯނުން ބޭރުގައި އޮތީ ވުލްވޮސްއަށްވުރެ އިތުރަށް ދެލަނޑު ޖެހިފައި އޮތުމުންނެވެ.