ހަތް މިނެޓުގެ ތެރޭގައި ކާމިޔާބު ކުރި ތިން ލަނޑުން ވިޔަރެއާލް 3-0 އިން ބަލިކޮށް ބާސެލޯނާއިން ސްޕެނިޝް ލަލީގާގައި ރޭ މުހިއްމު ތިން ޕޮއިންޓް ހޯދައިފިއެވެ.
ބާސެލޯނާގެ "ސްޕޮޓިފައި ކޭމްޕްނޯ" ގައި ކުޅުނު މިމެޗުގައި ބާސެލޯނާއިން ތިން ލަނޑުވެސް ކާމިޔާބު ކުރީ ފުރަތަމަ ހާފުގައެވެ. ތިން ލަނޑުގެ ތެރެއިން ދެލަނޑު ކާމިޔާބު ކޮށްދިނީ ބަޔާން މިޔުނިކް ދޫކޮށް މިސީޒަނުގައި އެކްލަބާ ގުޅުނު ޕޮލެންޑުގެ ނުރައްކާތެރި ފޯވާޑް ރޮބަޓް ލެވަންޑޮސްކީއެވެ. މިމެޗުގައި ލެވަންޑޮސްކީ ޖެހި ފުރަތަމަ ލަނޑަކީ އޭނާގެ ކެރިޔަރުގައި ޖެހި 600 ވަނަ ލަނޑެވެ. ބާސެލޯނާގެ ތިންވަނަ ލަނޑު ޖެހީ އަނިޔާއިން ސަލާމަތްވެ ފޯމަކަށް އެޅެމުން އަންނަ ސްޕެއިނުގެ އުއްމީދީ ފޯވާޑް އަންސޫ ފަޓީއެވެ.
މިއީ ބާސާއިން އެންމެފަހުން ކުޅުނު 3 މެޗުގެ ތެރެއިން އެޓީމް މޮޅުވި ފުރަތަމަ މެޗެވެ. އޭގެ ކުރިން އަމިއްލަ ދަނޑުގައި ޗެމްޕިއަންސް ލީގުގައި 3-3 އިން އެއްވަރުވުމާއި ރަށުން ބޭރުގައި ވާދަވެރި ރެއާލް މެޑްރިޑް އަތުން 3-1 އިން ބާސާ ވަނީ ބަލިވެފައެވެ.
މިދިޔަ ހަފްތާގައި ރެއާލްެއާ އަތުން ބަލިވި މެޗަށްފަހު ކޯޗް ޒަވީއަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވިއެވެ. ރޭގެ މެޗުގެ ފުރަތަމަ އެގާރައިން ޑިފެންޑަރު ޖެރާޑް ޕިކޭ އާއި ސާޖިއޯ ބުސްކެޓް، ރަފީނާ އަދި ޑެމްބެލޭ އަށް ފުރުސަތު ދީފައެއް ނުވެއެވެ. ބުސްކެޓުގެ ބަދަލުގައި ފުރަތަމަ އެގާރައިން ޖާގަ ދީފައި ވަނީ ފްރޭންކް ޑިޔޯންއަށެވެ. ޑެމްބްލޭގެ ބަދަލުގައި ފެރަން ޓޮރޭޒް އަދި ރަފީނާގެ ބަދަލުގައި ފުރުސަތު ދިނީ އަންސޫ ފަޓީއަށެވެ.
މިމޮޅާއެކު ތާވަލުގެ 2 ވަނައިގައި ބާސާ އޮތީ 25 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި 28 ޕޮއިންޓާއެކު އޮތީ އެންމެފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑެވެ. ތިންވަނައިގައި 22 ޕޮއިންޓާއެކު އޮތީ ރެއާލް ސޮސިއެޑާޑެވެ.
ސްޕެނިޝް ލަލީގާގައި މާދަމާ ރޭ ރާއްޖޭ ގަޑިން ދަންވަރު 12 ޖަހާއިރު ރެއާލް ނިކުންނާނީ ސެވިއްޔާއާ ދެކޮޅަށެވެ. އާދިއްތަ ދުވަހުގެ ރޭ ދަންވަރު ބާރަ ޖަހާއިރު ބާސެލޯނާ ނިކުންނާނީ އެތުލެޓިކް ކްލަބާ ދެކޮޅަށެވެ.