ޔޫރަޕުގެ އެންމެ ވަރުގަދަ 5 ލީގުގައި ކުޅޭ 21 އަހަރުން ދަށުގެ ކުޅުންތެރިންނަށްދޭ އެންމެ ޝަރަފްވެރި އެވޯޑް ކަމުގައިވާ ޔޫރަޕިއަން ގޯލްޑެން ބޯއީގެ އެވޯޑް ސްޕެެއިން ގައުމީ ޓީމާއި ބާސެލޯނާގެ އުއްމީދީ މިޑްފީލްޑަރު ޕަބްލޯ ގަވީއަށް ލިބިއްޖެއެވެ.
އިޓަލީގެ "ޓުއްޓޮ ސްޕޯޓް" އިން 2003 ވަނަ އަހަރު ތައާރަފް ކުރި "ގޯލްޑެން ބޯއީ" އެވޯޑް ލިބުމުން ގަވީ ބުނީ އޭނާ ދެކެމުން ދިޔަ ހުވަފެން ސީދާވެއްޖެ ކަމަށެވެ. ގަވީ ވަނީ މިދިޔަ ބުދަ ދުވަހުގެ ރޭ ނިމިގެންދިޔަ ބެލޮންޑިއޯ ހަފްލާގައި "ފްރާންސް ފުޓްބޯލް" އިން ހޮވި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ (ކޮޕާ ޓްރޮފީ) ގެ މަގާމް ވެސް ހާސިލް ކޮށްފައެވެ.
ގަވީ،21، ގިނަބައެއްގެ ލޮލުގައި އަޅައިގަތީ މިދިޔަ ސީޒަނުގައި ބާސެލޯނާގައި އޭނާ ދެއްކި ކުޅުމުގެ ސަބަބުންނެވެ. މިއާއެކު ސްޕެއިން ގައުމީ ޓީމުގެ ފުރަތަމަ އެގާރައިން އޭނާއަށް ޖާގަ ދޭން ފެށިއެވެ. ސްޕެއިން ގައުމީ ޓީމުގައި އޭނާގެ އެންމެ ފާހަގަ ކޮށްލެވޭ މެޗަކީ ޔުއެފާ ނޭޝަންސް ލީގުގެ ސެމީފައިނަލުގައި މިދިޔަ އަހަރު އިޓަލީގެ މައްޗަށް ސްޕެއިނުން ކުރި ހޯދި މެޗުގައި ދެއްކި ކުޅުމެވެ.
ގޯލްޑެން ބޯއީ އެވޯޑް ދިނުމުގެ ހަފްލާ އޮންނަނީ އަންނަ ހަފްތާގައި އިޓަލީގައެވެ. މިއެވޯޑް ލިބުނު މަޝްހޫރު ކުޅުންތެރިންނަކީ ލިއޮނަލް މެސީ އާއި ސާޖިއޯ އަގުއެރޯ، ވޭން ރޫނީ، ކިލިއަން އެމްބައްޕޭ، މެތިއަސް ޑިލީޓް އަދި ޕޮގްބާ އާއި ރެނާޓޯ ސަންޗޭޒް އަދި ޖައޯ ފެލިކްސް ފާހަގަ ކޮށްލެވެއެވެ. މިއެވޯޑް މިދިޔަ އަހަރު ހޯދީ ގަވީއާއެކު ބާސެލޯނާ އަށާއި ސްޕެއިނު ގައުމީ ޓީމަށް ކުޅެމުން އަންނަ ޕެޑްރީއެވެ.