ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ކެންޕޭނަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން، ނ. އަތޮޅުގެ 6 ރަށަކަށް ކުރައްވާ ދަތުރުފުޅެއް މިމަހު 25 ގައި ފަށްޓަވާނެ އެވެ.

ޕީޕީއެމުން މިއަދު ބުނީ އެ ދަތުރު އޮންނާނީ މިމަހު 25 އިން 28 އަށް ކަމަށެވެ. އެދަތުރުފުޅުގައި ނ. އަތޮޅު ކެނދިކުޅުދޫ، ވެލިދޫ، މިލަދޫ، މަގޫދޫ، މަނަދޫ، ހޮޅުދުއަށް ވަޑައިގަންނަވާނެއެވެ.

ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު، އެޕާޓީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ މިދަތުރުފުޅުގެ ބޭނުމަކީ އެރަށްރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ޝަކުވާތައް އަޑު އެއްސެވުމާއި ސިޔާސީ ހަރަކާތްތައް ވަރުގަދަ ކުރުމާއި ކުރިއަށްއޮތް ރިޔާސީ އިންތިޚާބަށް ބޭނުންވާ މެނިފެސްޓޯ އެކުލަވާލުމަށް ބޭނުންވާ މައުލޫމާތު އެއްކުރެއްވުމެވެ. މިދަތުރުފުޅުގައި ސަޕޯޓަރުންނާއި ބައްދަލުކޮށް ކެންޕޭން ޖަލްސާތައް ވެސް ކުރިއަށްދާނެއެވެ.

ޔާމީން ވަނީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން ހއ.ގެ 6 ރަށަކަށް ވެސް ވަރަށް ފަހުން ވަޑައިގެންފައެވެ. އެދަތުރު ވަރަށްކާމިޔާބު ކަމަށް ވެސް ހީނާ ވިދާޅުވިއެވެ.

އަންނަ ނޮވެމްބަރު ތިންވަނަ ދުވަހު ރައީސް ޔާމީން އައްޑޫސިޓީއަށް ވެސް ވަޑައިގަންނަވާނޭ ކަމަށް ހީނާ ވިދާޅުވިއެވެ. އެހެނަސް އެތާރީޚަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ވިދާޅުވިިއެވެ. ހަމަ އެމަހު ފުއްވަމުލައް ސިޓީއަށާއި ހުވަދުއަށް ރައީސް ޔާމީން ވަޑައިގަންނަވާނޭ ކަމަށް ވިދާޅުވިއެވެ.