ހުޅަނގު އިންޑިއާގެ ގަބީލާ ސަރަހައްދުގެ އަވަށްތަކުގެ އަންހެން ކުދިންނަށް އުނގަންނައި ދިނުމުގެ މަސައްކަތަކީ އޭނާގެ ޝައުގުވެރިކަމެވެ. ދުނިޔޭގެ 140 ގައުމަކުން ހޮވާލި 12 ހާސް ޓީޗަރުންގެ ތެރޭން ފުރޭނިގެން އޭނާގެ މަސައްކަތުގެ އަގު ވަނީ ވަޒަންކޮށްފައެވެ.

ގްލޯބަލް ޓީޗަރ ޕްރައިޒް 2020އަށް އޭނާ ހޮވުނުކަން އިޢްލާން ކުރީ ލަންޑަންގެ ނެޗުރަލް ހިސްޓްރީ މިއުޒިއަމްގައި އޮތް ވާޗުއަލް އިހުތިފާލެއްގައި އެކްޓަރ ސްޓީވް ފްރައި އެވެ.

ޓީޗަރު ރަންޖީތު ސިންހް ޑިސާލޭއާ އެކު މި މިލިއަން ޑޮލަރު އެހެން ނުވަ ޓީޗަރަކުވެސް ހިއްސާ ކުރާނެއެވެ. އެއީ އިޓަލީވިލާތާއި ނައިޖޭރިއާއާއި ދެކުނު ކޮރެއާގެ ޓީޗަރުންނެވެ.

މި އެވޯޑަކީ އަމިއްލަ ވެރްކީ ފައުންޑޭޝަނުން 2014ގައި ގާއިމްކޮށްފައިވާ އެވޯޑެކެވެ. އެވޯޑް ދެވެނީ ޔުނެސްކޯ މެދުވެރިވެގެން ނެވެ.

ގްލޯބަލް ޓީޗަރ ޕްރައިޒްގައި މިއަހަރު އެންމެ ގަދަ 50ގެ ތެރޭގައި އިންޑިއާގެ ތިން ޓީޗަރަކު ހިމެނުނެވެ.

ޑިސާލޭ، ކިޔަވައި ދެނީ މަހަރާޝްޓްރާގެ ސޯލާޕޫރު ކައިރީގައި އޮންނަ ކުޑަ އަވަށެއްގައެވެ.

2009 ގައި މި ސްކޫލުގައި އޭނާ ކިޔަވައިދޭން ފެށިއިރު، ޖަނަވާރު ކޮށި ކައިރީގައި ހުރި ސްކޫލް އޮތީ ވީރާނާވެފައެވެ. ކުދިން ސްކޫލަކަށް ނާދެއެވެ. ޅަފަތުގައި ކައިވެނި އޮތީ އާންމު ކަމަކަށް ވެފައެވެ.

ސްކޫލު ކައިރިކިއުލަމާއި ޓެކްސްޓް ފޮތްތައް ތައްޔާރުކޮށްފައި އޮތީ ކުދިންނާ ބީރަށްޓެހި ބަހަކުންނެވެ. އޭނާ ކަންނާޑާ ބަސް ދަސްކުރުމަށްފަހު ކުދިންނަށް ފޮތްތައް ތަރުޖަމާ ކޮށްދިނީއެވެ.

ދަރިވަރުން ޑިޖިޓަލް އާލާތްތަކަށް ލޯ ހުޅުވައި ދިނުމަށް އޭނާ ކުރި މަސައްކަތުން އުފެއްދި ކިޔޫއާރްކޯޑް މެދުވެރިކޮށް ޓެކްސްޓް ފޮތް ލިބޭ ނިޒާމު މިހާރު މުޅި އިންޑިއާގައި ބޭނުން ކުރަން ފަށާފައި ވެއެވެ.

މިސްކޫލުގެ ދަރިވަރުންގެ ހާޒިރީ ވަނީ ސައްތައިންސައްތައަށް އަރާފައެވެ. ސްކޫލުން ކިޔަވައި ނިންމި އަންހެން ކުއްޖަކު ވަނީ މިހާރު ޔުނިވަރސިޓީވެސް ނިންމާފައެވެ.