މެޗުގެ އިތުރު ވަގުތުގައި މިޑްފީލްޑަރު ކެސެމީރޯ ކާމިޔާބު ކުރި ލަނޑުން ޗެލްސީއާ 1-1 އިން ރޭ މެންޗެސްޓަރ ޔުނައިޓެޑުން އެއްވަރު ކޮށްފިއެވެ.

ޗެލްސީގެ ސްޓެމްފޯޑްބްރިޖުގައި ކުޅުނު މިމެޗުގައި ޗެލްސީން މޮޅަށް ކުޅެ ލީޑް ނެގީ 87 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. ޕެނަލްޓީ ކާމިޔާބު ކޮށްދިނީ އިޓަލީގެ ތަޖުރިބާކާރު މިޑްފީލްޑަރު ޖޯޖީނިއޯއެވެ. މިނަތީޖާގައި އޮވެ މެޗް ނިމެން ދަނިކޮށް ކެސެމީރޯ ލަނޑު ޖަހައި އެއްވަރު ކުރީ އިތުރު ވަގުތުގެ ގޮތުގައި ދެއްކި 4 މިނެޓުގެ ކުޅުން ނިމެން ކައިރިވެފައި ވަނިކޮށެވެ. އޭރިޔާގެ ތެރެއަށް ހުރަސް ކުރި ބޯޅަ ކެސެމީރޯ ބޮލުން ގޯލަށް ފޮނުވާލުމުން، ގޯލަށް ބޯޅަ ވަނީ ކީޕަރ ކެޕާ އަތުގައި ޖެހިފައެވެ.

މިއާއެކު ޗެލްސީ އެންމެފަހުން ޔުނައިޓެޑާ ދެކޮޅަށް ކުޅުނު 10 މެޗުންވެސް މޮޅެއް ނުހޯދި މިވަނީ ނިންމާލަން ޖެހިފައެވެ. މިދިހަ މެޗުގެ ތެރެއިން 3 މެޗުން ޗެލްސީ ބަލިވެ، އަނެއް 7 މެޗުން އެއްވަރުވީއެވެ.

މެޗަށްފަހު ޔުނައިޓެޑުގެ ކޯޗް ޓެންހާގް ވަނީ ކެސެމީރޯއަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފައެވެ. ކެސެމީރޯ، ޔުނައިޓެޑަށް ގެނައީ މިސީޒަނުގައި ރެއާލް މެޑްރިޑުން 74 މިލިޔަން ޕައުންޑަށެވެ. "މިއީ އަހަރެމެން އޭނާ (ކެސެމީރޯ) ގެނައި ބޭނުމަކީ. އަހަރެމެންނަށް އެނގޭ އޭނާއަށް މިކަންކަން ކުރެވޭނެކަން. ލަލީގާ އާއި ޗެމްޕިއަންް ލީގުގައި އޭނާ ވަނީ އެންމެ މަތީ ލެވެލްގައި ފެންވަރު ސާބިތު ކޮށްދީފައި. އެކަމަކު ޕްރިމިއަރ ލީގަކީ ތަފާތު އިންޓެންސިޓީ އެއްގައި ކުޅޭ ލީގަކަށްވާތީ ލީގަށް ހޭނުމަށް އޭނާއަށް ވަގުތު ބޭނުންވޭ" ޓެންހާގް ބުންޏެވެ.

ޗެލްސީގެ ކޯޗް ގްރަހަމް ޕޮޓާ ބުނީ ފުރަތަމަ ތިރީސް މިނެޓުގެ ތެެރޭގައި ޔުނައިޓެޑް ފެނުނީ ވަރުގަދަކޮށް ކަމަށާއި އޭގެ ސަބަބުން ޓީމު ފަހަތަށް ޖައްސަން ޖެހުނު ކަމަށެވެ. "ތިން ޕޮއިންޓް ލިބޭވަރަށް މިމެޗުގައި އަހަރެމެންނަށް އެއްފެންވަރެއްގައި ނުހިފެހެއްޓުނު" މިސީޒަނުގައި ޗެލްސީއާ ހަވާލުވި ކޯޗް ގްރަހަމް ޕޮޓާ ބުންޏެވެ.

މިނަތީޖާއާއެކު ތާވަލުގެ 4 ވަނައިގައި ޗެލްސީ އޮތީ 21 ޕޮއިންޓާއެކުއެވެ. އެއްޕޮއިންޓް ފަހަތުން 5 ވަނައިގައި އޮތީ ޔުނައިޓެޑެވެ. ތާވަލުގެ ކުރީގައި 27 ޕޮއިންޓާއެކު އޮތީ އާސެނަލްއެވެ. ދެވަނައިގައި 26 ޕޮއިންޓާއެކު މެންޗެސްޓަރ ސިޓީ އޮތްއިރު ތިންވަނައިގައި 23 ޕޮއިންޓާއެކު އޮތީ ޓޮޓެންހަމްއެވެ.