އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ހާލަންޑުގެ ދެލަނޑާއި ކެޕްޓަން ޑިބްރޭނާގެ ލަނޑުން ބްރައިޓަން 3-1 އިން ބަލިކޮށް މުހިއްމު ތިން ޕޮއިންޓް މެންޗެސޓަރ ސިޓީ ހޯދައިފިއެވެ.
ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި ސިޓީގެ ފުރަތަމަ ލަނޑު ހާލަންޑް ޖެހީ 22 ވަނަ މިނެޓުގައެވެ. ދެވަނަ ލަނޑު ޖެހީ ލިބުނު ޕެނަލްޓީއަކުން 43 ވަނަ މިނެޓުގައެވެ. މިއީ ބްރައިޓަންގެ ކުޅުންތެރިން ބާނާޑާ ސިލްވާއަށް ފައުލް ކުރި ކަމަށް ބަލައި ދިން ޕެނަލްޓީއެކެވެ. ބްރައިޓަންގެ ކުޅުންތެރިން ވަނީ މިއީ ޕެނަލްޓީއެއް ނޫން ކަމަށް ބުނެ ރެފްރީ ކައިރީ ވަރަށް ބޮޑަށް ޝަކުވާ ކޮށްފައެވެ.
މިމެޗުގައި ހާލަންޑް ކާމިޔާބު ކުރި ދެލަނޑާއެކު މިސީޒަނުގައި މެންޗެސްޓަރ ސިޓީއަށް އޭނާ ކާމިޔާބު ކޮށްދިން ލަނޑުގެ އަދަދު 22 އަށް އެރީއެވެ. އަދި ޕްރިމިއަރ ލީގުގައި އޭނާ ކާމިޔާބު ކުރި ލަނޑުގެ އަދަދު 17 އަށް އެރީއެވެ. ލީގުގައި މިހާތަނަށް އޭނާ ކުޅުނީ އެންމެ 11 މެޗެވެ.
ދެވަނަ ހާފް ފަށައިގެން ގިނައިރުތަކެއް ނުވެ ބްރައިޓަނުން ފަރަގު ކުޑަކުރީ، މިސީޒަނުގައި ލިވަޕޫލް ކޮޅަށް ހެޓްރިކް ހެދި ބެލްޖިއަމްގެ ފޯވާޑް ލިންދްރޯ ޓްރޮއްސާޑުގެ ލަނޑުންނެވެ. ސިޓީއިން ލީޑް ފުޅާ ކުރީ 75 ވަނަ މިނެޓުގައި ޑިބްރޭ އޭރިޔާގެ ބޭރުން ޖެހި ހިތްގައިމު ލަނޑުންނެވެ.
މިމޮޅާއެކު ސިޓީގެ ތާވަލުގެ ދެވަނައިގައި އޮތީ 26 ޕޮއިންޓާއެކުއެވެ. މިއާއެކު ތާވަލުގެ ކުރީގައި އޮތް އާސެނަލްއާ މެދު އޮތް ފަރަގު ވަނީ އެއްޕޮއިންޓަށް ކުޑަވެފައެވެ. އެކަމަކު މިއަދު ސައުތެމްޓަން އަތުން އާސެނަލް މޮޅުވެއްޖެނަމަ އަނެއްކާވެސް ހަތަރު ޕޮއިންޓުގެ ލީޑެއް އާސެނަލްއަށް ލިބޭނެއެވެ.