ހުކުރު ދުވަހުގެ ހެނދުނު ޖޯލީ ނުތަނަވަސްކަމާއެކު ޔުނިވާސިޓީ އޮފް ލަންޑަންގެ ގޯލްޑްސްމިތުސް ކެމްޕަހަށް ވަނެވެ. އޭނާ ފާރަވެރިވަމުން ދިޔައީ އޭނާއާއެކުގައި ކިޔަވާ އެހެން ޗައިނާ ދަރިވަރުންނަށެވެ. ކާކުކަން އަންގާ ނުލުމަށް ފޭސް މާސްކެއް އަޅައިގެން ހުރި ޖޯލީ އިންތިޒާރު ކުރަމުން ދިޔައީ ރޭގަނޑުގެ ލަސްގޑިއެއްގައި އޭނާ ޕްރިންޓް ކޮށްފައި ހުރި އޭ4 ސައިޒް ކަރުދާސްތައް ބޭނުން ކުރާށެވެ.

ޖޯލީ ފަދައިން ޗައިނާއިން ކިޔަވަން އައިސް ހުރި ދަރިވަރަކު ބަލަން ނެތްކަން ޔަގީން ކުރުމުން، އަވަހަށް ދަބަހުން އޭނާ ކަރުދާސްތައް ނަގައި ނޯޓިސް ބޯޑެއްގައި ހިއްޕިއެވެ.

"ބޭނުން ވަނީ ދިރިއުޅުމެއް. ޒީރޯ-ކޮވިޑް ސިޔާސަތެއް ނޫން! މިނިވަންކަން ބޭނުމީ. މާޝަލް-ލޯއެއްފަދަ ލޮކްޑައުންއެއް ނޫން! ބޭނުމީ އިއްޒަތާއެކު ދިރިއުޅެން. ބޭނުމީ އިސްލާހު. ސަގާފީ އިންގިލާބެއް ނޫން! ބޭނުމީ ވޯޓު. ހުދުމުހުތާރު ކަމެއް ނޫން! ބޭނުމީ ރައްޔިތަކަށް ވާން! އަޅުދާސް ވާކަށެއް ނޫން!" ޖޯލީ ހިއްޕި ކަރުދާސްތަކުގައި އިނގިރޭސި ބަހުންލިޔެފައ ހުއްޓެވެ.

އޭގެ އެއް ދުވަސް ކުރިން ޗައިނާގެ އެންމެ އިސް ލީޑަރު ޝީ ޖިންޕިންގްއާ ދެކޮޅަށް މަދުން ނޫނީ ނުފެންނަ ދެކޅުވެރިކަމެއް ކެރިގެން ބެއިޖިންގެ ބްރިޖެއްގެ މަތީގައި މީހަކު ދައްކާލިއެވެ.

އޭނާވެސް ގެންގުޅުނު ބެނާތަކުގައި ޗައިނާ ބަހުން ލިޔެފައި ހުރީ ޖޯލީގެ ކަރުދާސްތަކުގައި ހުރފަ ޝުއޫރުތަކެކެވެ.

ބެއިޖިންގެ ސިޓޮންގް ބްރިޖުގައި ދަމާފައިވާ ބެނާއެއްގައި ޝީ އަކީ "ހުދުމުހުތާރު" އަދި "ގައުމީ ޚިޔާނާތްތެރިއެއް" ކަމަށް ބުނެ ޗައިނާ ރައީސް ކުށްވެރިކޮށްފައި ހުއްޓެވެ.

ރައީސް ޝީ ތިންވަނަ ދައުރެއް ކާމިޔާބު ކުރެއްވުމަށް މަސައްކަތް ކުރައްވާއިރު އޭނާއާ ދެކޮޅަށްވެސް ބަޔަކު އަޑު އުފުލައެވެ.

މި ދެކޮޅުވެރިކަން ވަނީ ޗައިނާގެ ބައެއް ހިސާބުތަކުގައި ފެތުރިފައެވެ. އާންމު ފާޚާނާތަކުގެ ފާރުތަކާއި ދޮރުތަކުގައި ރައީސް ޝިއާ ދެކޮޅަށް ޝިއާރުތައް ލިޔެފައި އެބަހުއްޓެވެ. ޕަބްލިކް ޓޮއިލެޓްތަކަކީ ޗައިނާގައި އާންމުކޮށް ހަރުކޮށްފައިވާ ސަވައިލެންސް ކެމެރާތަކުގެ ފާރަވެރި ލޮލުން ސަލާމަތްވެފައިވާ ތަނެވެ. ސީއެންއެން