ޗައިނާގެ ނުރައްކަލާ ކުރިމަތިލުމަށް ޖަޕާނާއި އޮސްޓްރޭލިއާ އިން ސަމިޓެއް ބާއްވައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. އައު އެގްރިމެންޓްގައި މިލިޓަރީ، އިންޓެލިޖެންސް އަދި ސައިބާ ސެކިއުރިޓީ އަށް ސަމާލުކަން ދޭން އެއްބަސްވެފައި ވެއެވެ.

މި ހަފްތާގައި އޮސްޓްރޭލިއާގެ ޕާތުގައި ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝިޑާއާއި އޮސްޓްރޭލިއާގެ އެންތޮނީ އަލްބަނީސް ބައްދަލު ކުރައްވައި ދެ ގައުމުން ސޮއިކޮށްފައިވާ އެއްބަސްވުމަކީ 2007 ވަނަ އަހަރު ސޮއިކޮށްފައިވާ އެއްބަސްވުން މުރާޖައާކޮށް އިތުރު ކަންކަން ހިމަނައިގެން ސޮއިކޮށްފައިވާ އެއްބަސްވުމެކެވެ. އަދި ޖެނުއަރީގައި އޭރުގެ އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަންއާ ޖަޕާނުގެ ކިޝިޑާ ޖެނުއަރީ މަހު ސޮއިކުރެއްވި ރެސިޕްރޮކަލް އެކްސެސް އެގްރީމަންޓެއްގެ މައްޗަށްވެސް މި އެއްބަސްވުން ބިނާކޮށްފައި ވެއެވެ.

އެއީ އެމެރިކާ ފިޔަވައި އެހެން ގައުމަކާއެކު ޖަޕާނުން ވެފައިވާ މިފަދަ ފުރަތަމަ އެއްބަސްވުމެވެ. ޖަޕާނުން އިއުލާންކުރި ގޮތުގައި އެގައުމުގެ ސެލްފް ޑިފެންސް ފޯސްތަކުން ފުރަތަމަ ފަހަރަށް އޮސްޓްރޭލިއާގެ އުތުރުގައި އޮސްޓްރޭލިއާގެ ސިފައިންނާ އެކު ތަމްރީނު ތަކެއް ބާއްވާނެއެވެ.

އޮސްޓްރޭލިއާ ބޮޑު ވަޒީރު ވިދާޅުވީ މި އެއްބަސްވުމަކީ ދެ ގައުމުގެ ސިފައިންގެ އަސްކަރީ އޮޕަރޭޝަން އެއްގޮތް ކުރުމަށާއި ޖާސޫސީ މައުލޫމާތު ހިއްސާ ކުރުމަށާއި ސައިބާ ސެކިއުރިޓީއާއި ޖައްވުގައި އޮޕަރޭޝަން ހިންގުމާއި ގާނޫނު ތަންފީޒު ކުރުމާއި ލޮޖިސްޓިކްސްއާއި މުވާސަލާތީ ވިއުގަ ހިމާޔަތް ކުރުން ހިމެނޭ އެއްބަސްވުމެކެވެ.