ސްރީލަންކާއިން ބޭނުން ވަނީ އިންޑިއާއާއެކު ދިފާއީ ދާއިރާއިން ގާތްގުޅެއް ބޭއްވުމަށް ކަމަށް ސްރީލަންކާގެ ސްޓޭޓް މިނިސްޓަރ އޮފް ޑިފެންސް ޕްރެމިތާ ބަންޑާރާ ޓެނަކޫން ވިދާޅުވެއެވެ. ނިއުދިއްލީއަށް ކުރައްވާ ދަތުރުފުޅުގައި އޭނާ ވަނީ އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާޖްނާތު ސިންގް އާއި މިނިސްޓަރ އޮފް ސްޓޭޓް ފޯ ޑިފެންސް އަޖޭ ބަޓް އާއި ޑިފެންސް ސެކްރެޓަރީ އަޖޭ ކުމާރާއި ޗީފް އޮފް ޑިފެންސް ސްޓާފް ޖެނެރަލް އަނިލް ޗައުހާން އަދި އިންޑިއާގެ ސިފައިންގެ ތިން ސާވިސްގެ އެންމެ އިސްވެރިންނާ ބައްދަލުކުރައްވާފަ އެވެ.
އިންޑިއާގެ މަސްއޫލުވެރިން ވަނީ ސްރީލަންކާއާއެކު ދިފާއީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ތައްޔާރަށް އޮތް ކަމުގެ ޔަގީންކަން ދެއްވާފައެވެ.
ޓެނަކޫން އިންޑިއާއަށް ޒިޔާރަތް ކުރައްވަނީ ސްރީލަންކާގެ ކަނޑުގެ ސިފައިންގެ އޮފިސަރުން ހިމެނޭ ތިން މެންބަރުންގެ ވަފުދަކާއެކުގައެވެ. ސްރީލަންކާ ވަފްދުން ވަނީ ގުޖުރާތުގެ ގާނދީނަގަރުގައި އޮތް އިންޑިއާގެ ދިފާއީ މައުރަޒުގައި ބައިވެރިވެވަޑައިގެންފައެވެ.
މިއީ މިދިޔަ އޮގަސްޓް މަހު ޗައިނާގެ ޖާސޫސީ މަނަވަރު ކަމަށް ސިފަކުރެވުނު ބޯޓު ހަމްބަންޓޯޓާ ބަނދަރަށް ކުރި ދަތުރަށް ފަހު ދެ ގައުމުގެ ގުޅުމަށް ނޭދެވޭ އަސަރެއް ކުރިފަހުން ލަންކާގެ މަތީ ފެންވަރުގެ ވަފްދަކުން އިންޑިއާއަށް ވަޑައިގަތް ފުރަތަމަ ފަހަރެވެ.