ފައިނޭންޝަލް އެކްޝަން ޓާސްކް ފޯސް (އެފްއޭޓީއެފް) އިން ހަތަރު އަހަރަށް ފަހު ޕާކިސްތާން ގްރޭ ލިސްޓުން އުނިކޮށްފި އެވެ. ޕާކިސްތާނުން މަނީލޯންޑާކޮށް ކަޅު ފައިސާ ދޮންނަކަމަށް ތުހުމަތު ކުރުމުގެ ސަބަބުން ޕާކިސްތާނުގެ އިމްޕޯޓް، އެކްސްޕޯޓް، އަދި ރެމިޓެންސް އަށް ނޭދެވޭ އަސަރުކޮށްފައި ވެއެވެ. އަދި އޭގެ ސަބަބުން ބައިނަލްއަޤްވާމީ ލޯނު ދޫކުރުމުގެ ފުރުސަތު ހަނިވެފައިވެއެވެ.
ޕާކިސްތާނަކީ 2018 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން ޕެރިހުގައި ހުންނަ ފައިނޭންޝަލް އެކްޝަން ޓާސްކް ފޯސް އިދާރާގެ ގްރޭ ލިސްޓުގައި ހިމެނޭ ގައުމެކެވެ. ޓެރަރިޒަމަށް ފައިނޭންސް ކުރުމާއި މަނީ ލޯންޑަރިންގެ މަސައްކަތަށް ޕާކިސްތާނުން ވާގިވެރިވާ ކަމަށް ތުހުމަތު ކުރެވިފައި ވެއެވެ.
ޓެރަރިޒަމް ފައިނޭންސިން އާއި މަނީ ލޯންޑަރިންއާ ބެހޭ ގްލޯބަލް ވޮޗްޑޮގް އިން ބުނީ އިސްލާމްއާބާދުގެ އެންޓި މަނީ ލޯންޑަރިން އާއި ކައުންޓަރ ޓެރަރިސްޓް ފައިނޭންސިން ނިޒާމު އިތުރަށް ރަނގަޅު ކުރުމަށް މަސައްކަތް ކޮށް އޭޝިއާ/ޕެސިފިކް ގްރޫޕް އޮން މަނީ ލޯންޑަރިންއާ ގުޅިގެން މަސައްކަތް ކުރަމުން ގެންދާނެ ކަމަށެވެ. އަދި ޕާކިސްތާނުގެ އެންޓި މަނީ ލޯންޑަރިން އާއި ކައުންޓަރ ޓެރަރިސްޓް ފައިނޭންސިންގ ނިޒާމު ރަނގަޅު ކުރުމަށް ޕާކިސްތާނުން ހޯދާފައިވާ ބޮޑެތި ކުރިއެރުންތަކަށް ވެސް އެ އިދާރާއިން ވަނީ މަރުހަބާ ކިޔާފަ އެވެ. މިގޮތަށް ނިންމީ އެފްއޭޓީއެފްގެ ޕްލެނަރީގައި އިއްޔެ ޕެރިހުގައި ބޭއްވި ޖަލްސާގައެވެ.