އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ޗެލްސީއާ ދެކޮޅަށް ކުޅެނިކޮށް މެންޗެސްޓަރ ޔުނައިޓެޑާއި ފްރާންސްގެ އިތުބާރު ޑިފެންޑަރު ރަފޭލް ވަރާންގެ ކަކުލަށް ލިބުނު އަނިޔާއިން ސަލާމަތްވެ އެނބުރި ދަނޑަށް ނިކުތުމަށް ތިންހަފްތާއެއްހައި ދުވަސް ނަގާނެ ކަމަށް އިނގިރޭސި މީޑިޔާތައް ބުނެފިއެވެ.

އަނިޔާވެގެން ދަނޑުން ވަރާން ފޭބީ ރޮމުންނެވެ. މިއާއެކު އޭނާއަށް ކުރިއަށް އޮތް ވޯލްޑް ކަޕް ގެއްލިދާނެ ކަމަށް ބެލެވުނެވެ.

ވަރާންއަށް ލިބުނު އަނިޔާއާ ގުޅޭ ގޮތުން މެންޗެސްޓަރ ޔުނައިޓެޑުން އަދި ފްރާންސް ގައުމީ ޓީމުންވެސް މިހާތަނަށް ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ވަރާން ވަނީ ފްރާންސް ގައުމީ ޓީމުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކުރިިއިރު ޑިފެންސް ލައިނުގައި އެންމެ މުހިއްމު ދައުރެއް އަދާކުރި އެއް ކުޅުންތެރިޔާއެވެ.

ވޯލްޑް ކަޕް ފެށުމަށް ހަމަޖެހިފައި ވަނީ މިފެށޭ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު ގަަތަރާއި އިކްއެޑޯ ބައްދަލު ކުރާ މެޗުންނެވެ.