12 އަހަރުގެ ރިވާ އަރޯރާ ބޮޑެތިމީހުނާއެކު އިޝްގީ ލަވަތައް ކުޅޭތީ އެކަމަށް ފާޑުކިޔަން ފެށުމުން ރިވާގެ މަންމަ ނިޝާ އަރޯރާ ބުނީ އޭނާގެ ދަރިފުޅަކީ 12 އަހަރުގެ ކުޑަ ކުއްޖެއްނޫން ކަމަށެވެ.
މިހާރު ބޮލީވުޑްގައި ފަތުއަޑުކިޔާފައި ދެކެވޭ ވާހަކައަކީ 12 އަހަރުގެ ކުޑަ، ރިވާ އަރޯރާ ބެޑެތި ފިރިހެނުންނާއެކު އިޝްޤީ ލަވަތަކާއި ވީޑިއޯތައް ކުޅޭ ވާހަކަ އެވެ.
މިވާހަކަތައް މިދުވަސްކޮޅު ފެންމަތިވެގެން މިއުޅެނީ ރިވާ ކަރަން ކުދަރާ ( 38 އަހަރު) އާއި އެކު އިޝްޤީ ލަވައެއްކުޅެ، އެލަވަ އިންސްޓަރ ގްރާމުގައި ހިއްސާކުރުމުންނެވެ. އެ ލަވައިގައި އޭނާ ބޮޑުމީހެއްގެ ސިފަ ޖެއްސުމަށް ހެދުންއަޅާފައިވާ ގޮތާއި މޭކަޕް ކޮށްފައިވާ ގޮތަށް ވަރަށް ގިނަ މީހުން ފާޑުކިޔަމުން އެބަ ގެންދެއެވެ.
ބައެއް މީހުން ބުނަނީ ކުޑަކަޑަ ކުއްޖަކު 20 އަހަރުގެ ޒުވާނެއްކަމަށް ހަދައިގެން ނެރޭއިރު އޭނާގެ މައިންބަފައިން ކޮބައި ހެއްޔެވެ؟ އެމީހުން މިކަމަށް ތާއީދު ކުރަނީ ކީއްވެހެއްޔެވެ؟ އަނެއްބަޔަކު ބުނަނީ ރިވާ އަށް ބޭސް ދީގެން ބޮޑުކޮށްފައި ހުރީކަމަށެވެ. އަދި ދަނީ ކުޑަކުދިންލައްވާ މިފަދަ ކަންތައް ކުރުވާ މީހުނާއި އެކުދިންގެ ބެލެނިވެރިންވެސް ކުށްވެރި ވާނެ ކަަމށްވެސް ގިނަ ބަޔަކު ބުނެއެވެ.
މީހުންގެ ފާޑުކިޔުންތަކަށް ޖަވާބުދެމުން ރިވާގެ މަންމަ ނިޝާ ބުނީ އޭނާގެ ދަރިފުޅަކީ 12 އަހަރުގެ ކުޑަކުއްޖެއް ނޫންކަމަށެވެ. އަދި ރިވާ އުޅެނީ ގްރޭޑް 10 ގައި ކަމަށާއި އޭނާގެ ޢުމުރުން ވީ 14 އަހަރު ކަމަށެވެ. އަދި މީސް މީޑިއާގެ އެކި މަންސަތަކުގައި ދޮގު ވާހަކަ ފެތުރުމުގެ ކުރިން އޭނާ ގާތުން ޞައްޙަ މަޢުލޫމާތު ހޯދިނަމަ ރަނގަޅުވީސް ކަމށް ރިވާ އަރޯރާގެ މަންމަ ބުންޏެވެ.
ރިވާގެ މަންމަ ނިޝާ ބުނީ ރިވާ މިހާރު ފިލްމު ކުޅޭތާ 13 އަހަރަށްވުރެ ގިނަ ދުވަސްވެއްޖެ ކަމަށެވެ. އަދި އޭނާ އަކީ އިންސްޓަރގްރާމުގައި ނުފޫޒްގަދަ ތަރިއެއް ކަމުން މީހުންގެ ފާޑުކިޔުން އަމާޒުވަނީކަމަށެވެ.
ރިވާ އަރޯރާ އެންމެ ފުރަތަމަ ފިލްމެއްކުޅުނީ އޭނާގެ އުމުރުން ދޮޅު އަހަރުގައެވެ. އެއީ 2011 ގައި ނުކުތް އިމްތިޔާޒް އަލީގެ ރޮކްސްޓާ އެވެ. އޭގެ އިތުރަށް "މޮމް" "އޫރީ- ދަ ސާޖިކަލް ސްޓްރިކް" "ގުންޖަން ސަޒީނާ- ދަ ކާގިލް ގާލް" ގައި ކުޑަ ކުއްޖެއްގެ ދައުރު އަދާ ކުރިއެވެ. މީގެ އިތުރަށް ޑްރާމާ ތަކާއި އިޝްތިހާރު ތައްވެސް އޭނާ ކުޅެފައި ވެއެވެ.
ރިވާ، ކަރަން ކުދަރާގެ އިތުރަށް މަޝްހޫރު ލަވަކިޔުންތެރިޔާ މީކާ ސިންގް އާއި އެކުވެސް ދާދި ފަހުން އިޝްގީ ލަވައެއް ކުޅެފިއެވެ. އެހެންކަމުން ކުޑަ ކުއްޖަކާއެކު އެފަދަ ވީޑިއޯ ލަވައެއް ކުޅުމުން މީކާ ސިންގް އަށްވެސް ގިނަ ބައެއްގެ ނުރުހުމާއި ފާޑުކިޔުންތައް އަމާޒުވިއެވެ.